ފުށިދިއްގަރުފަޅު ހިއްކަން 10 ބިލިއަން ރުފިޔާ ހޭދަނުވާނެ ކަމަށް އެމްޑީޕީ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އަޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގައި އޮޅުވާލާ ކަމަށާއި، އެއީ ބޮޑު އިސްރާފެއް ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކަން 10 ބިލިއަން ރުފިޔާ ހަރަދު ނުވާނެ ކަމަށާއި އެކަމަށް ހަރައްދުވާނީ ފަސް ބިލިއަން ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ބާކީ ފަސް ބިލިއަނުން ސަރުކާރުން ކުރަން އުޅޭ ކަމެއް ރައްޔިތުން ބަލަން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ފަސް ބިލިއަން އަޅުގަނޑުމެން އަތުން ގެއްލެން އެބައުޅޭ. އިސްރާފު ކުރަން އެބައުޅޭ. އެހެން ބަހަކުން ބުނާނަމަ ޖީބަށްލާން އެބައުޅޭ،" އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގައި ހުރި ތަކެއްޗާއި ގާބިލުކަމުގެ އެހީގައި ފަސް ބިލިއަނަށް އެތަން ހިއްކޭނެ ކަމަށެވެ. އެތަން ހިއްކަން ހިނގާ ހަރަދު 10 ބިލިއަނަށް އަރަންވީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށާއި މިކަމަށް ނިކުމެ ހުންނެވީ ކަންކަން ދަސްކޮށްގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހުނު ނަމަވެސް އެ ތަން ކޮންޓްރެކްޓަރަށް ތަރައްގީ ކުރެވޭނީ 500 ނުވަތަ 700 ވަރަކަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

"އެއީކީ ކުޑަ ހަރަދެއް ނޫން. ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އެންމެ މަދުވެގެން ވެސް ހަރަދުވާނެ. އެތަނުގެ ފުން މިނާއި ހިއްކާ ތަނާއި ވެލި ބޭނުންވާ އަދަދާއި ވެލި ނަގާ ސަރަހައްދާ، މި ހުރިހާ އެއްޗަކަށް ބަލާފަ (އަގެއް އެސްޓިމޭޓު ކުރެވިދާނެ)،" ޑރ. މުއްތަލިބު ވިދާޅުވި އެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެގޮތުން މިހާތަނަށް 10 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.

ފުށިދިއްގަރުފަޅު މަޝްރޫ އަށް ދައުލަތުން އަދި އާބަންކޯ އިން ވެސް އެއްވެސް ފައިސާއެއް ހަރަދު ނުކުރާއިރު މި މަޝްރޫއުގެ އަގު އަދާކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދީގެންނެވެ.

މި މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.