މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށްޓަކައި މި ސަރުކާރުން ކުރިއަށް ގެންދާ "ރަސްމާލެ" މަޝްރޫއަކީ އެމަނިކުފާނު ވެސް ހިޔާލު ކުރައްވާފައި އޮތް މަޝްރޫއެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން އަންނަނީ އާއްމު މެންބަރުންނަށް ސުވާލު ކުރެވޭ ގޮތަށް ބައްދަލުވުންތަކެއް އެ ޕާޓީގެ އޮފީހުގައި ބާއްވަމުންނެވެ. ރައީސް ޔާމީން ވެސް އަންނަނީ އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ނަމަވެސް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ބޭފުޅަކަށް ވާތީ ސިޔާސީ ޕާޓީއެއްގެ އިސް ސަފުގައި ހަރަކާތްތެރިއެއް ނުވެވެ އެވެ. އެހެންކަމުން ރައީސް ޔާމީން ވެސް އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އާއްމު މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޕީއެންފް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ޕޯޑިއަމްގައި ވާހަކަދެއްކެވި ބޭބޭފުޅުންނަށް ސުވާލުތައް އަމާޒުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މާލެ ސަރަހައްދަށް އަދިވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދައި ދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ރަސްމާލޭގެ ނަމުން މަޝްރޫއުއެއް ކުރިޔަށް ގެންދަން ފައްޓަވާފައިވާ ކަމަށާއި އެ މަޝްރޫއުއާ މެދު ވަކި އެއްޗެއް ދަންނަވަން ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ވެސް ހިޔާލު ކޮށްފައި އޮތް މަޝްރޫއުއެއް. އެހެންނަމަވެސް އަޅުގަނޑުގެ ހިޔާލުގައި އޭރު އޮތީކީއެއް ހުރިހާ ކަމެއް ހުއްޓާފައި އެކަން ކުރުމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

މާލެ އަދި ހުޅުމާލޭގައި ވެސް ބޭނުން ނުކުރާ އެތައް ބިމެއް އެބަހުރި ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ އެ ބިންތައް ހުސް ކުރެވޭނެ ގޮތްތައް ވެސް އެބަހުރި ކަމަށެވެ.

އެހެން ކަމުން، ސަރުކާރަށް އެންމެ ހަރަދު ކުޑަވާނީ މުޅިން އާ ސަހަރެއް ހިއްކައިގެން އެ ތަނުގައި މީހުން އާބާދުކުރަންތޯ ނޫނީ މިހާރު ވެސް ހުޅުމާލެއާއި މާލޭގައި ހުރި ބިންތަކުގައި އުސްކޮށް އިމާރާތްކޮށް، ލިފްޓްތައް ހަރުކުރުންތޯ ޔާމީން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ފުށިދިއްގަރުފަޅު މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫ އެވެ. މި މަޝްރޫއުގެ ދަށުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާ 11،900 އަށްވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.