ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ގޯސްވީ "އިންޑިއާ އައުޓް" ހަރަކާތުން ނޫން ކަމަށާއި އެ ގުޅުމަށް ހީނަރު ކަމެއް އައީ އެ ގައުމުގެ ބޮޑު ވަޒީރަށް ނިސްބަތްކޮށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ދިން ރައްދެއްގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުންނެވެ.

ރައީސް ޔާމީނު ވިދާޅުވީ، އިންޑިއާ އައުޓުގެ ނަމުގައި އެމަނިކުފާނު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ފެށި ކެމްޕޭނުގެ ތެރެއިން އެ ގައުމާއެކު ޒާތީ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނޯންނާނެ ކަމަށާއި އެ މަގުސަދު ވެސް ނެތް ކަމަށެވެ.

ނަމަވެސް, މިހާރު ދިމާވެގެން މިއުޅެނީ އެހެން ކަމެއް ކަމަށާއި އެއީ ލަކްޝަދީބުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއްމުކުރި އިސްތިހާރަށް ތިން ނައިބު ވަޒީރުން ދެއްވި ރައްދުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ޔާމީނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ގަބޫލުނުކުރާ މިންވަރަކަށް، އިޖުތިމާއީ މިންގަނޑު ފަހަނައަޅާ ދާ މިންވަރަކަށް އަޅުގަނޑުމެންގެ ތެރެއިން މަސްއޫލު މަގާމުތަކުގައި ތިބި ތިން ބޭފުޅަކު ވަރަށް ހުތުރު ބަހުން ވަރަށް ދަށްފެންވަރުގެ ބަހުން ރައްދުތަކެއް ދެއްވީ، އެއީ އިންޑިއާ ސަރުކާރަށް ބަލައިނުގަނެވުނު ކަމަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ ބޭފުޅުން ވަނީ ހުތުރު އަދި ދަށް ފެންވަރުގެ ބަސްތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުކުރައްވައިފަ އެވެ. އެ ގައުމަށް ބަލައިނުގަނެވުނު ކަމަކީ އެއީ ކަމަށް ވެސް ޔާމީން ވިދާޅުވެ އެވެ.

"އެކަމަކު މިއޮތްހާ ދުވަހު މި ހިންގި އިންޑިއާ އައުޓް ކެމްޕެއިނުގައި މިއީކީ މައްސަލައެއް ކަމަކަށް ގަބޫލެއް ނުކުރޭ. އެ މީހުންގެ ރައްޔިތުން ވެސް ގަބޫލުކުރޭ އިންޑިއާ މިލިޓަރީ އޮވެގެން ނުވާނެ ކަމަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އެ އިޝާރާތްކުރެއްވީ ލަކްޝަދީޕްގެ ޓޫރިޒަަމް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަށް ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު ދިން ރައްދުތަކަކަށެވެ. މޯދީއަށް މަލާމާތް ރައްދުވާ ގޮތަށް ކުރި ޕޯސްޓްތަކާ ގުޅިގެން އެ ތިން ބޭފުޅުން ވަނީ މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

މީގެ އިތުރުން މި ޖަލްސާގައި ރައީސް ޔާމީން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި "އިންޑިއާ އައުޓް" ކިޔުން މަނާކުރާ ގަރާރެއް އެ ސަރުކާރުން ނެރުނުއިރު މި ސަރުކާރުން އެ ބާތިލުނުކުރާތީ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.