ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައިފި އެވެ.
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި 23 މެންބަރެއްގެ ސޮޔާއެކު މަޖިލީހަށް މިދިޔަ މަހު 28 ގައި ހުށަހެޅީ ޕީޕީއެމް/ޕީއެންސީންނެވެ.
އެހެން ނަމަވެސް މި މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން މިހާރު 13 މެމްބަރުގެ ސޮއި އަނބުރާ ގެންދިޔަ ކަމުގެ ސިޓީއެއް މަޖިލީހަށް ވަނީ ފޮނުއްވާފަ އެވެ. ސޮއި ގެންދެވި މެމްބަރުންގެ ތެރޭގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ފޮނަދޫ ދާއިރާ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ
ސަރުކާރު ކޯލިޝަނުން މި މައްސަލަ އަނބުރާ ނަގާފައި މިވަނީ މައްސަލަ އެޖެންޑާކުރުމަށް އަސްލަމާއި ސަލީމަށް މި މަހުގެ 4 ވަނަ ދުވަހު ނޯޓިސް ވެސް ފޮނުވާފައިވަނިކޮށެވެ.
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިންނެވެ.
އިތުބާރު ނެތް ކަމުގެ ގަރާރުގައި ބުނެފައިވަނީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އަސްލަމާއި ސަލީމް އަމަލު ކުރައްވާފައިވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފަށް ކަމަށެވެ.