މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި އޮތީ އިތުރުފުޅު ހެއްދެވުމާއި މަކަރާއި އޮޅުވައިލުން ކަމަށް، އެ ބަޔާނަށް ޖަވާބުދާރީވަމުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހު 6 ވަނަ ދުވަހު މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ރައްދު ދެއްވަވަމުން ބިގޭ ވިދާޅުވީ ގައުމުގެ ހާލަތު ބަޔާން ކުރައްވައި މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާން ވާންޖެހޭނީ ވަރަށް ފުރިހަމަ އަދި ގައުމަށް ކުރިމަތިވެފައިވާ ކަންކަމުގެ ހަގީގަތް އެއްވެސް ފޮރުވުމެއް ނެތި، މި މަޖިލީހަށް ސަރީހަކޮށް އިއްވަވާ ބަޔާނަކަށް ކަމަށެވެ.

އަލިފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ބިގޭ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ވެސް ދޮގާއި މަކަރުން ކަމަށެވެ. އަދި، ރިޔާސީ ބަޔާނުގައި ވެސް މަސައްކަތްޕުޅު ކުރައްވާފައިވަނީ އިތުރުފުޅު ހައްދަވައި، ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވައިލަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރެއްވި އެވެ.

"ހިތާމައާް އެކު ކަންބޮޑުވުމާ އެކު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާ އެކު ބަޔާންކޮށްފައި ނުވާކަން. ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވާލައްވާފައިވާ ކަން. ގައުމަށް ދިމާވެފައިވާ މުހިއްމު ކަންކަމަށް އެއްވެސް މިންވަރަކަށް އަލިއަޅުއްވާލައްވައިފައި ނުވާކަން. މިއީ މިއަދު އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެއް،" ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ދިން ރައްދުގައި ބިގޭ ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި ގައުމުގެ އިގްތިސާދީ ހާލަތު ވެސް ރައީސް މުއިއްޒު އޮޅުވާލައްވާފައިވާ ކަމަށް ބިގޭ ވިދާޅުވި އެވެ. އެ ގޮތުން ފައިސާ ޗާޕުކުރުން މި ސަރުކާރުން ހުއްޓައިލި ކަމަށް ރައީސް ވިދާޅުވި އިރު، އެއީ މިދިޔަ ސަރުކާރުގައި ނިންމާފައި އޮތް ނިންމުމެއް ކަމަށް ބިގޭ ވިދާޅުވި އެވެ.

ސޮވެރިން ޑިވޮލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރު ދިވެހި ރުފިޔާ އަށް މާރުކޮށްފައިވާކަމަށް ރައީސް ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުން ބިގޭ ވިދާޅުވީ އެކަން އެގޮތަށް ކުރީ އެކްސްޓާނަލް ރިޒާވް އިތުރުކުރަން ކަމަށާ އަދި ލޯނު ދައްކަން ބޭނުންވާ ޑޮލަރު ވިއްކާނެކަމުގެ ޔަގީންކަން އެމްއެމްއޭއިން ދީފައި އޮތުމުން ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ވެސް މުއިއްޒު އޮޅުވާލައްވާފައިވާ ކަމަށް ބިގޭ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަށް ބޭނުންވާ ފައިސާ ހޯދަން ފަސޭހަކުރުމަށް ކުޑަ އިންޓްރެސްޓް ރޭޓުތަކުގައި ހައުސިން ލޯނު ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެއީ ވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2021 ވަނަ އަހަރު ފަށާފައި އޮތް މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމުގައި ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް ރިޔާސީ ބަޔާނުގައި އަލިއަޅުވާލާފައި ނުވާކަން ބިގޭ ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ޑުރަގާއި ގޭންގުތަކުގެ މައްސަލަތަކާއި މާރާމާރީ އިންތިހާއަށް ބޮޑުވެފައި އޮތްއިރު އެ މައްސަލައިގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތުމަކީ ސަރުކާރު ޖަވާބުދާރީވާން ޖެހޭނެ ކަމެއް ކަމަށް ބިގޭ ވިދާޅުވި އެވެ.

ރައްޔިތުންގެ ފައިދާ އަށް ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރު ވެރިކަމަށް އައިސް ހުއްޓާލާފައިވާކަން ފާހަގަ ކުރައްވައި ބިގޭ ވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.