ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގިނައިން ހިޔާ ފްލެޓް ލިބުނީ އެމްޑީޕީ މެންބަރުންނަށް ނަމަވެސް، މި ސަރުކާރުން ފްލެޓް ލިސްޓުން އެންމެ ގިނައިން އުނިކުރީ ޕީޕީއެމްގެ މެމްބަރުންކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުއިއްޒުގެ ކުރު ވީޑިއޯއެއް ހިއްސާކުރައްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ހިޔާ ފްލެޓްތައް ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ގިނައިން ލިބުނީ އެމްޑީޕީ މީހުންނަށް. މިސަރުކާރުން ފްލެޓް ލިސްޓުން އެންމެ ގިނައިން އުނިކުރީ ޕީޕީއެމް މީހުން،" ކަމަށެވެ.
ޑރ. މުއިއްޒު ހިއްސާކުރެއްވި ވީޑިއޯގައި ވިދާޅުވެފައިވަނީ، ކުރީ ސަރުކާރުން ފްލެޓް ދީފައިވަނީ ޕީޕީއެމްގެ މެމްބަރުންނަށް ކަމަށް ބައެއް މީހުން ބުނާ ކަމަށާއި، ނަމަވެސް އެގޮތަށް ކަންތައްކޮށްފައި ނުވާނެ ކަމަށެވެ.
ކުރީ ސަރުކާރުން ފްލެޓް ދީފައިވާ މީހުންގެ އަދަދުތަކަށް އަލިއަޅުވާލަމުން ޑރ. މުއިއްޒު ވިދާޅުވީ"7،000 މީހުންގެ ތެރެއިން 3،591 މީހުންނަކީ އެމްޑީޕީ މީހުން. 1،959 މީހުންނަކީ ޕީޕީއެމް މީހުން. އެކިއެކި ޕާޓީއަށް ނިސްބަތްވާ 517 މީހުން. ބާކީ ތިބި 933 މީހުންނަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މީހުން،" ކަމަށެވެ.
ނަމްބަރުތައް މިހެންހުރުމުން ޑރ. މުއިއްޒުވަނީ ފްލެޓު ދިނީ ޕީޕީއެމް މީހުންނަށް ކަމަށްވެފައި ކޮބާތޯ ސުވާލުކޮށްފަ އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓް ލިބުނު މީހުންގެ ލިސްޓު މިމަހުގެ ނުވަވަނަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. އެކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އެ ފްލެޓްތަކުގައި ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަންތަނަށް މޭ ނުވަތަ ޖޫން ހިސާބުގައި ވަދެވޭވަރުވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
"އަންދާޒާ ކުރެވެނީ މެއި ނުވަތަ ޖޫން ހިސާބުގައި މީހުންނަށް އެތަނަށް ވަދެވޭން ފަށާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ހިޔާ ފްލެޓް ތަރައްގީކުރުމަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި އެންމެ މުހިންމު އެއް ބޮޑު މަޝްރޫއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ މި މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.