ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް ހިންގައި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ގެންގުޅޭ ސިޔާސަތާ އެއްގޮތަށް މިދިޔަ އާދިއްތަ ދުވަހު ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މިގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދާކަމުގެ ޝަކުވާއާއި ކަންބޮޑުވުން އާއްމުން އަންނަނީ ފާޅުކުރަމުން އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މ. ސްޓާ ކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމައި ހަރަކާތްތެރިވާކަން ފާހަގަކުރެވި، އެމީހުން ދެނެގަތުމަށް ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަން ހިންގާފައި ވަނީ އެ އިދާރާގެ ރިސްކް އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަން ގުޅިގެން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އެ ނޫސްބަޔާނުގައި ވަނީ މި އޮޕަރޭޝަންގައި ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި މި އެންމެންނަކީ ވެސް ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މީގެ ތެރޭގައި، ސައްހަ ވީޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

"މި ސަރުކާރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގައި، ވޭތުވެދިއަ އަހަރުތަކާ އަޅާބަލާއިރު، ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ފުރުވާލަމުން. އަދި ކުރިއަށް އޮތްތަނުގައި ވެސް މި އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ އިމިގްރޭޝަންގެ އެންމެ އިސް އެއް މަގުސަދު،" އިމިގްރޭޝަނުން ބުންޏެވެ.