ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތީގެ ލިޔުމާއި މިހާތަނަށް ހަވާލުވެފައިނުވާ ފަރާތްތަކަށް ގޯތީގެ ލިޔުމާ ހަވާލުވާން އިތުރު ފުރުސަތެއް ދޭން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް މިހާތަނަށް 8،394 މީހަކު ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ކަމަށެވެ. އަދި ގޯތި ތަކުގެ ލިޔުމާ ހާވާލުވާން އިތުރު ފުރުސަތުތަކެއް ދީފައިވާ ކަމަށާއި ނަމަވެސް ގޯތިތަކުގެ ރަޖިސްޓްރީއާ ހަވާލުނުވާ ގިނަ ފަރާތްތަކެއް އަދިވެސް އެބަތިބި ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން ގޯތި ތަކުގެ ލިޔުމާ ހަވާލުވާން މި މަހުގެ 16 އިން 27 ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާ ވެސް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީން މިދިޔަ މަހު 25 ވަނަ ދުވަހު ބުނެފައި ވަނީ ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުނުކުރެވޭ 303 މީހަކު އެބަތިބި ކަމަށެވެ. އެޕްލިކަންޓް/ އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާތީ ސޮއިނުކުރެވި ހުރި ފަރާތްތަކުގެ އަދަދު 16 އަށް އަރާއިރު، އެޕްލިކަންޓް/ އެޕްލިކަންޓުން ނިޔާވުމުގެ ސަބަބުން ސޮއިނުކުރެވި ހުރި ފަރާތްތަކުގެ އަދަދު 12 އަށް އަރާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ލިޔުމާ ހަވާލުވާން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމެންޓް ހެއްދޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޭން މިދިޔަ ސަރުކާރުގައި ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 9،000 އެއްހާ ގޯތީގެ ތެރެއިން 663 ގޯތި ހަވާލުނުކުރެވި ވާކަމަށް ހައުސިން މިނިސްޓްރީ އިން މިދިޔަ މަހު ވަނީ ބުނެފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން 9،000 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ. އެ ގޯތިތައް ދޫކުރަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ.