ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާ ގުޅޭ މައްސަލަތައް ބެލުމަށް "ހައުސިން ކޮމެޓީ" އެކުލަވާލައި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ބޯހިޔަވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ "ބިންވެރިޔާ" އަދި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށްގެންދިޔުމަށް ހައުސިން ކޮމިޓީ އުފެއްދީ މިދިޔަ ފެބްރުއަރީ މަހު ކަމަށެވެ.

މި ކޮމިޓީއަކީ އެ މަޝްރޫއުތަކާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށާ އަދި އެ މައްސަލަތަކާ ގުޅިގެން ކަންކުރަންޖެހޭ ގޮތާ ގުޅޭގޮތުން އަދި ގޮތް ނިންމުމަށްޓަކައި ލަފާދޭނެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ރައީސް މުއިއްޒު ދެއްވި ލަފާފުޅަކާ އެކު އުފެއްދި ކޮމިޓީއެއް ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

އެ ކޮމެޓީގައި ތިއްބަވަނީ ޖުމްލަ ފަސް މެމްބަރުންނެވެ. އެއީ

1. އަނީސާ އަހްމަދު

2. އަބްދުލްއަޒީޒް ޔޫސުފް

3. އާމިނަތު އީނާސް

4. އަހްމަދު އަލިމަނިކު

5. މަރިޔަމް ފިޒާނާ ރަޝީދު

އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފަ އެވެ. ކޮމެޓީގެ ޗެއާ އަކީ އަނީސާ އަހްމަދެވެ. ވައިސް ޗެއާއަކީ އަބްދުލްއަޒީޒް ޔޫސުފެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.

ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 21،000 މީހުން ފްލެޓަށް ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އެ 12،000 މީހުންގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ފްލެޓު ލިބުނު ކަމުގެ ލިޔުން ވެސް ދޫކުރި އެވެ.