ކަރަންޓާއި ފެން ބިލުތައް ނުދައްކައިގެން ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފްކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ޖޫރިމަނާތައް މައާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް އަންގަވާފައިވާ ކަމަށެވެ. އަދި ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނެ ގޮތަށް އެއްބަސްވުން ހެދުމަށް ވެސް ކުންފުނިތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ރޯދަމަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.
"އާންމު މަހެއްގަ އެ ހުންނަ ރޭޓްގަ ކެޕް ކޮށްފައި. އާންމު މަހެއްގަ ހުންނަ މިންވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ،" ބ. އޭދަފުށީގައި މި މަހުގެ ތިން ވަނަ ދުވަހު ވާހަކަފުުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އެ ދުވަހު ވިދާޅުވީ، ސްޓެލްކޯ އިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އަންގަވާފައިވާނެ ކަމަށެވެ.