ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާ ގުޅޭ މައްސަލަތައް ބެލުމަށް "ހައުސިން ކޮމެޓީ" އެކުލަވާލައި އެ ކޮމެޓީއަށް އިތުރު ތިން ބޭފުޅުން އައްޔަން ކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގޯއްޗާއި ފްލެޓްތަކުގެ މައްސަލަތައް ބެލުމަށްޓަކައި މިދިޔަ ފެބްރުއަރީ މަހު އެކުލަވާލި ހައުސިން ކޮމިޓީއަށް ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ތިން މެންބަރަކު އިތުރުކޮށްފައިވާ ކަމަށެވެ.

އަދި ހައުސިން ކޮމިޓީގެ ޗެއާގެ މަގާމުގައި ހުންނެވި އަނީސާ އަހުމަދު ސިއްހީ ހާލަތު ހުރިގޮތުން ކޮމިޓީން އިސްތިއުފާ ދެއްވާފައިވާތީ އެ ކޮމެޓީގެ ޗެއާއަކަށް އީނާސް އައްޔަން ކުރައްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އީނާސް އަކީ އެޗްއާރުސީއެމްގެ ކުރީގެ ރައީސް އެވެ.

އެއާއެކު ކޮމިޓީގައި މިހާރު ތިއްބަވާނީ ޖުމްލަ ހަތް މެމްބަރުންނެވެ.

ހައުސިން ކޮމިޓީގައި ހިމެނޭ ފަރާތްތައް:

  1. އާމިނަތު އީނާސް – ކޮމިޓީގެ ޗެއާ ހ. ހަބަރުގެ، ކ. މާލެ
  2. އަބްދުލްއަޒީޒް ޔޫސުފް – ކޮމިޓީގެ ވައިސްޗެއާ މ. ދޫނިހުރާ، ކ. މާލެ
  3. މުހައްމަދު މައުރޫފު ޖަމީލް މ. ދޫރެސް، ކ. މާލެ
  4. އަހްމަދު އަލީމަނިކު ގ. ވިޔަވަތި، ކ. މާލެ
  5. މަރްޔަމް ފިޒާނާ ރަޝީދު މ. ޒާވަރު، ކ. މާލެ.
  6. ފާތިމަތު ސައީދު ކުއްޅަވަގެ، ސ. ހުޅުދޫ
  7. އާމިނަތު ޝައީރާ ދަޑިމަގު، ވާރޭވިލާ، ޏ. ފުވައްމުލައް

ހައުސިން މިނިސްޓްރީން ބުނެފައިވަނީ ހައުސިން ކޮމިޓީގެ ހަތް ވަނަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާވަރަކުން، ނިންމުންތައް ހިއްސާކުރަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.

ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމްލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.