ޕީއެންސީ ކެމްޕޭން ޖަލްސާއެއްގައި މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކި މައްސަލަ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.

ހިންނަވަރު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް މުޙައްމަދު އަބްދުއްރަހުމާންގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަ ދެއްކި މީހަކު ވަނީ އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ގުޅައި އެއްބާރުލުން ދޭން އަންގަން ޖެހޭ ކަމަށެވެ.

އެ ދާއިރާގެ ކެންޑިޑޭޓަށް ފެލިވަރު މުވައްޒަފުންގެ ކޮންޓްރޯލް ހޯދައި ދިނުމަށް ރައީސަށް ދަންނަވައިދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޭނާ އެހެން ބުނާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރަން ފަށާފައިވާއިރު، އެއީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މައްސަލަ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

އެއާއެކު މީހަކު ވަނީ އީސީއަށް އިސްވެ މިފަދަ މައްސަލަ ބެލުމުގެ ބާރު ނޯވޭތޯ އެކްސްގައި ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ އެކޮމިޝަނަށް މައްސަލަ ބެލެން އޮންނަނީ ހުށަހެޅުމުން ކަމަށެވެ. ކޯޓުތަކުން ވެސް ޝަރީއަތް ކުރަނީ އޮންނަ އުސޫލުތަކުން މައްސަލަ ހުށަހެޅުމުން ކަމަށް ވުމުން އީސީއިން އަމަލު ކުރަން ޖެހެނީ އެ އުސޫލުން ކަމަށް ފުއާދު ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުންވެސް ދަނީ ކުރަމުންނެވެ.