ވ. އާރަށް މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގައި ހުކުމް ނީއްވާ ލަސް ކުރާ ކަމަށް ވިދާޅުވެ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވުމުން، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު މިއަދު ރައްދު ދެއްވައިފި އެވެ.
މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިން ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓާ ހިސާބުން ހުއްޓިފައި އޮތުމުން އެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމުން ދޭހަ ވަނީ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވައި އަތް ބާނަމުންދާ މިންވަރު ކަމަށެވެ. އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމު ދޭން ޖެހޭނެ ކަމަށާއި ވަކި ވެރިޔަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލައިނުގަނެވޭނެ ކަމަށެވެ.
އަސްލަމް ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި ޝުޖާއު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ މައްސަލާގައި ޕީޕީއެމް/ޕީއެންސީން ކުރިން އަސްލަމް އާ ވާހަކަ ދެއްކެވި ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ހުރިހާ ބާރެއް އޮވެމެ، އަސްލަމް އޭރު ދެއްވި ޖަވާބު މިހާރު ވެސް ކަންފަތުގައި ހަރުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ދުވަހު [އަސްލަމް] ވިދާޅުވީ ރައީސް ޔާމީން އޮންނަން ޖެހޭނީ ޖަލުގައި ކަމަށް. ގެ އަށް ބަދަލު ކުރެވޭނީ އިބޫ އަށް 2 ވަނަ ދައުރެއް ލިބުނީމާ ކަމަށް. ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް. މިއަދު ވެސް ތިބޭފުޅުންގެ އަތުގަ ބާރު އޮތީ،" މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ބާރަށު ދާއިރާ އަށް ވާދަކުރައްވާ ޝުޖާއު ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޑިސެމްބަރު 25، 2022 ގަ އެވެ. އެއީ އޭރުގައި ވެރިކަމުގައި ތިއްބެވި ބޭފުޅުން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމުގައި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހަށް ލިބުނު ނާކާމިޔާބާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ޔާމީން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
މި ސަރުކާރުން ރައީސް ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.