ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިތުބާރު ނެތްކަމުގެ ވޯޓަކުން އެ މަގާމުން ވަކިކުރި ކުރުން ދިފާއުކުރާނެ ގޮތެއް ނޯންނާނެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން ނައިބު ރައީސް ކަމުން ޖޫން، 2015 ގައި ޖަމީލް ވަކިކުރީ އިދިކޮޅު ފަރާތްތަކާ ގުޅިގެން އޭނާ މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލަ ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޖަމީލް ވިދާޅުވީ އޭނާ ވަކި ކުރެއްވީ ތަބީއީ އިންސާފުގެ ހަމަތަކާ ޚިލާފަށް އެއްވެސް މިންވަރަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ކަމަށާއި ވަކީލަކު މެދުވެރިކޮށް ޖަވާބުދާރީވުމުގެ ހައްގު ވެސް މަޖިލީހުން ހިފަހައްޓާފައިވާ ކަމަށެވެ. ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް، ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ބަޔާންކުރާ ގާނޫނީ ހަމަތައް ދައްކަވައި، ޖަމީލް ވިދާޅުވީ މަޖިލީހުން އޭނާ ވަކިކުރަން ނިންމީ އެފަދަ އެއްވެސް ފުރުސަތެއް ދިނުމެއް ނެތި ވަކި ގޮތަކަށް ކަންކަން އަމާޒު ކޮށްގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މިއީ ފެންނަން އޮތް ހަގީގަތެއް. މަޖިލީހުގެ ގަވާއިދު ބަދަލުކުރީ އަޅުގަނޑަށް އަމާޒުކޮށް، ނައިބު ރައީސަށް އަތުރާލަން ވެގެން،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ނާގާބިލްވި ކަމަށް ބުނެ އޭނާ ވަކިކުރަން މަޖިލީހުން ނިންމީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޓީފުޅެއް ނުވަތަ ލިޔުމުން ވެސް ލިބިގެންކަން އެނގެން ނެތް ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކޮށްފައި ހުރި މީހަކު ރައީސްގެ ބަހެއް ނެތި، މަޖިލީހަށް އަމިއްލައަށް ވަކި ކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ރައީސުލް ޖުމްހޫރިއްޔާ އެގޮތަށް ނުނިންމަނީސް، އެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެން ނުވާކަން ސާފުކޮށް އެނގެން އޮވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ދައުލަތުން ބުނީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާ އޮތްގޮތުން މަޖިލީހުގެ ނިންމުންތަކުގެ ސައްހަކަން ކޯޓުތަކަށް ނުބެލޭނެ ކަމަށާއި އެއީ މަޖިލީހުގެ އިމްތިޔާޒާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި ރައީސުން ވަކިކުރަން މަޖިލީހުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް އޮތަސް، ނައިބު ރައީސުންގެ ވާހަކަ އޭގެ ތެރޭގައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ޖަވާބުގައި ޖަމީލް ވިދާޅުވީ ރައީސާއި ނައިބު ރައީސަކީ އެއް ޝަރުތުތަކެއް ފުރިހަމަވެގެން، އެއްގޮތަކަށް އިންތިޚާބުވެގެން އަންނަ ބަޔަކަށް ވާތީ ނައިބު ރައީސުންނަށް ކޯޓަށް ނުދެވޭނެ ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި މަޖިލީހަށް ވެސް ބޭނުންހާ ގޮތަކަށް މީހުން ވަކި ކުރުމުގެ ބާރު ނޯންނާނެ ކަމަށާއި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކާ ގުޅިގެން ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން 2017 ގައި ނިންމާފައިވާ ކަން ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.
"ވަކިކުރާ ނަމަ ލިބެންޖެހޭ ރައްކާތެރިކަން ވެސް ލިބެން އޮތީ އެއް މަގަކުން. އެކަމުގައި ތަފާތު ކުރާނެ އިތުރު ހުއްޖަތެއް އަޅުގަނޑު ނުދެކެން،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި މަޖިލީހުގެ އެފަދަ ނިންމުންތައް ނުބެލޭނެ ކަމަށް ނިންމުމުގެ ނަތީޖާއަކީ ހިތުހުރި ގޮތަކަށް ބަލައިގެން މަޖިލީހުގެ ކަންކަން ނިންމަން ފެށުމެވެ. އޭރުން ތިން ބާރު ވަކި ކުރުމުގެ އުސޫލު ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އިތުރު އަޑުއެހުމެއް އެ މައްސަލާގައި ބާއްވާނެ ކަމަށެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫނާއި އަލީ ރަޝީދުގެ އިތުރުން ޑރ. މުހައްމަދު އިބްރާހިމެވެ.
ދެން ތިހެން ވެއްޖެޔާ ނާއިބު ރައީސްކަން އަލުން ދޭނީތަ؟