ރޮބޯމޭންގެ ކެރެކްޓާއަށް ބިނާކޮށް ހެދުމަށް ނިންމާފައިވާ ފިލްމަށް އެކްޓަރުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

މީޑިއާނެޓް ވީޑިއޯ ކްލަބް އާއި ޕްރޮޑަކްޝަން ހައުސް، އޯކޭޒް އިންކް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ނަމަކީ "ރޮބޯމަން ދަ މޫވީ" އެވެ.

އޯކޭޒް އިންކް އިން ބުނީ ރޮބޯމޭންގެ ކުޑައިރުގެ ރޯލަށް ކުޑަ ކުއްޖަކު ހޯދުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން އޯޑިޝަން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިއޮޑިޝަންގައި އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނެ ކަމަށް ވެސް އޯކޭޒް އިންކް އިން ބުންޏެވެ.

ތިރީގައިވާ ލިންކް މެދުވެރިކޮށް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އޮޑިޝަންގައި ބައިވެރިވުމަށް ބޭނުންވާ ކުދިންނަށް ވީޑިއޯ ފޮނުވޭނެ އެވެ.

މި ފިލްމު ޑައިރެކްޓަރަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު އެތައް ހުށައެޅުމެއް ގެނެސްދިން މުހައްމަދު މުންތަސިރު (މުންކޮ) އެވެ. އަދި މުންތަސިރުގެ އިތުރުން އިބްރާހިމް ވިސާމް (ކަނޑި)ވެސް ޑައިރެކްޓަރުގެ ގޮތުގައި ހަރަކާތެރިވާނެ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ.

ދިވެހި ކެރެކްޓާ ރޮބޯމޭންއަކީ މީގެ އަށް އަހަރު ކުރިން ކުޑަކުދިންގެ ހަފްލާތަކުން އާއްމުންނަށް ފެންނަން ފެށި ގޮތަށް މިހާރު އެންމެ މަގުބޫލް ކެރެކްޓާ އެވެ. އެކަމަކު ރޮބޯމޭންގެ މޫނުމަތި އަޅައިގެން ހަރަކާތްތެރިވާ އަސްލު ފަންނާނަކީ ކާކު ކަމެއް ނޭނގެ އެވެ.

ރޮބޯމޭން ވަނީ އުފެއްދުންތެރި އީޖާދީ މަސައްކަތުގެ ދާއިރާއިން މިދިއަ އަހަރުގެ ގައުމީ އިނާމު ވެސް ހާސިލްކޮށްފަ އެވެ. އެކަމަކު އެ އިނާމު ބަލާ ވެސް އޭނާ ނުދެ އެވެ. މިއީ ކާކުކަން އާންމުންނަށް ނޭނގޭ މީހަކަށް ގައުމީ އިނާމު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.