މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާ ފެސިލިޓީގެ މަސައްކަތް ނިމުމުން އެންމެ ފުރަތަމަ އެފެސިލިޓީއަށް ބަދަލުކުރާނީ ސަލްމާން މިސްކިތް ކައިރީގައި ދިރިއުޅޭ 120 ވަރަކަށް ބުޅާ ކަމަށް އެގްރިކަލްޗާ، ފުޑް ސެކިއުރިޓީ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ރަމީލާ ވިދާޅުވީ ބުޅާ ފެސިލީޓީއަށް ބުޅާ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ސަލްމާން މިސްކިތް ކައިރީގައި އުޅޭ 120 ވަރަކަށް ބުޅާ އެފެސިލިޓީއަށް ބަދަލުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ބުޅާތައް އެތަނަށް ގެންގޮސްފަ އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް ބުޅާތަކުގެ ސިއްހީ ކަންތައްތައް ކުރިއަށް ގެންގޮސް، ނިއުޓާ ކުރުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް ނިމުނީމަ ދެން ދެވަނަ ބެޗަކަށް އަޅުގަނޑުމެން މަސައްކަތް ފަށާނީ،" މިނިސްޓަރު ރަމީލާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ބުޅާ ފެސިލިޓީ އިއްޔެ މިނިސްޓްރީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރުޔ ރަމީލާ ވިދާޅުވީ އެތަނުގައި މިހާރު ކުރިއަށް ދަނީ ޕާޓިޝަން ޖަހައި، ކޮމްޕާޓްމެންޓްތައް ހެދުމުގެ މަސައްކަތް ކަމަށެވެ. މަގުމަތިން ގެންނަ ބުޅާ ތަކެއް ކަމުން، ބަލި ޖެހިފައި ހުންނަ ބުޅާ ގެންގުޅޭނީ ވަކިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ޕެޓް ލަވާސް ކޮމިއުނިޓީގެ ފަރާތުން ބުޅާ ގެންގުޅޭނެ ކުދިކުދި ގެތަކެއް ލިބިފައިވާކަމަށާއި އެގެތައް ފެސިލިޓީއަށް ލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ރަމީލާ ވިދާޅުވީ މިވަގުތު އެ ވުޒާރާގައި ޖަނަވާރުތަކަށް ހާއްސަ ދެ ޑޮކްޓަރުން އެބަތިބި ކަމަށާއި އެ ޑޮކްޓަރުން ބޭނުންކޮށްގެން ބުޅާތަކުގެ އެސެސްމެންޓެއް ހެދޭނެ ކަމަށެވެ. އެގޮތުން ބުޅާތަކަށް ޖެހިފައިވާ ބަލިތަކާއި ބުޅާތަކުގެ ހާލަތު ބަލައި އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާތައް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ފެސިލިޓީ އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. އެތަން އަޅަނީ 5،000 އަކަފޫޓުގެ ބިމެއްގަ އެވެ. މި ފެސިލިޓީ ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.