ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް އިމިގްރޭޝަންގެ އަންހެން އޮފިސަރުން ނުކުމެއްޖެ އެވެ.

އިމިގްރޭޝަނުން ބުނީ މިމަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަރަކާތެރިވެފައި ވަނީ މުޅިން ވެސް އަންހެން އޮފިޝަރުން ކަމަށެވެ. މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ބިދޭސީ އަންހެނުން ބަލާ ފާސް ކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި 15 އަންހެން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނަގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެތަނުގެ އަންހެން އޮފިސަރުންތަކެއް ބައިވެރިވަނީ. ފޮޓޯ: އިމިގްރޭޝަން

މިއީ އިމިގްރޭޝަންގެ ދިގު ތާރީހުގައި ވެސް ހަމައެކަނި އަންހެން އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދެވުނު ފުރަތަމަ ރެއިޑް އޮޕަރޭޝަނެވެ.

އިމިގްރޭޝަންގެ އަންހެން އޮފިސަރުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުން ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބައެއް ބިދޭސީން ހޯދިފައިވާކަމަށް އެ އިދާރާއިން ބުނެ އެވެ.

މިހާތަނަށް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ގަވައިދާ ހިލާފަށް އުޅުނު 1،700 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.