އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރަށް ދައުލަތުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާ ކުރެއްވުމަށް މި މަހު ނުވައެއްގައި ބޭއްވި ރަސްމިއްޔާތަށް ވަޑައިގަންނަވަން ރައީސް ކުރެއްވި ދަތުރުގެ ތަފުސީލު ރައީސް އޮފީހުން އާންމުކުރީ މިއަދެވެ. އެކަމަކު މީގެ ކުރިން އެކި ހަރަދުތަކަށް ވަކިން ހަރަދުވި މިންވަރު އާންމުކުރި ނަމަވެސް މިފަހަރު އާންމުކުރީ ޖުމްލަ އަދަދު އެކަންޏެވެ.
އެގޮތުން ރައީސްއާ އެކު ރަސްމީ ވަފުދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށާއި ދަތުރުގެ ޖުމްލަ ހަރަދަށް 1،440،170.33ރ. ދައުލަތުން ހަރަދުވި ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. އެއީ ބޮލަކަށް 72،000ރ. އެވެ.
ރަސްމީ ދަތުރުތަކުގައި ފަސްޓް ކުލާސް ހިޔާރު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް މި ދަތުރުގައި އެމަނިކުފާނު އަދި ސަރުކާރުގެ ވަފުދުން ދަތުރުކުރި އެއާލައިނެއް އަދި ކުލާހެއް ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ މި ދަތުރަށް އިންޑިއާގެ ސަރުކާރުގެ ދައުވަތު ލިބިފައިވަނީ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމުން ސަރުކާރުގެ ވަފުދުން އިންޑިއާއަށް ގޮސްފައިވަނީ ލަންކާ އަދި ދުބާއީ މަގުން ކަމަށެވެ. އެ ގައުމުތަކުގައި ޓްރާންސިޓުގައި ގިނަ ވަގުތުތަކެއް ހޭދަވި ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު މޯދީ ދެއްވުމާ ގުޅިގެން އުފާ ކުރައްވާ ކަމަށެވެ. މިއީ ރާއްޖެ ހިމެނޭ ސަރަހައްދަށް ވެސް ރަނގަޅު ދަތުރުފުޅެއް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތަށް ދެ ގައުމުގެ ގުޅުން ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް. ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެ ވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރަން. ރާއްޖެއަށް އެންމެ ރަނގަޅު ގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ." ރައީސް ވިދާޅުވި އެވެ.
ކުރީ ސަރުކާރުގަ ވެސް މިސަރުކާރުގަ ވެސް ކާރިތަނަކަށް އެހާ ބޮޑު ހަރަދެއް އެވަނީ ފުލައިޓުގެ ބަދަލު ފައިސާ މަތީގަތަ ދަތުރުކުރަނީ. އިސް މީހުންގެ ދަތުރުތަކަން ހާދަބޮޑު ހަރަދެކޭދޯ ދަނީ. އާއްމު ރައްޔިތުން ދެން ހާޓުއެޓޭކެއް ނުޖެހުނިއްޔާ ދެރަނު