އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން އައްބާސް އާދިލް ރިޒާ ގޮވާލާފައި ނުވާނެ ކަމަށާއި އޭނާ ގޮވާލީ އިންޑިއާ އައުޓް ހަރަކާތަށް ކަމަށް އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއްގައި މިހާރު ހުންނެވި އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ 2022 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރެއްވުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުން މާލޭގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އައްބާސްގެ ވަކީލް ވިދާޅުވީ އެމްބަސީގައި ހުޅުޖަހަން އައްބާސްގެ ޓްވީޓްގައި ގޮވާލާފައި ނުވާ ކަމަށާއި ޓްވީޓްގައި އޮތީ އިންޑިއާ އައުޓް ހަރަކާތުގެ ވާހަކަ ކަމަށެވެ. އަދި އެއްވެސް ތަނެއްގައި ހުޅުޖެހުމާއި މީހުންގެ ފުރާނައަށް ގެއްލުން ދޭން ހިތްވަރު ދޭ ގޮތަށް އައްބާސް އެއްވެސް ތަނެއްގައި ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އެ އަދި އެއީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވެ, އެ ދައުވާއަށް އިންކާރުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ނަމަވެސް ދައުލަތުން ބުނީ އެއީ ސިޔާސީ ދައުވާއެއް ނޫން ކަމަށެވެ.
އެ މައްސަލާގައި ދައުލަތުން ވަނީ އައްބާސާ ދެކޮޅަށް ފުލުހުންގެ ބައެއް ރިޕޯޓްތަކާއި އެ ރިޕޯޓްތައް ތައްޔާރުކުރި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި އައްބާސްގެ ފަރާތުން އެދުނީ ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ.
އެ މައްސަލާގެ އަޑުއެހުމަށް އައްބާސް ހާޒިރު ނުކުރެވިގެން އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ކުރިން މަސައްކަތް ކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ގަސްދުގައި ކޯޓަށް ހާޒިރުނުވެ އުޅޭނަމަ އެއްވެސް މީހެއްގެ މޫނަށް އަދި ހުރި މަގާމަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމުމެވެ.
ދެންއަވަހަށް ޕީޖީ މައްސަލަ އަނބުރާ ނަގަންވީއެއް ނޫންތަ