ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު "ކަމަނާ"ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި އެވެ.

އޮގަސްޓް 27 ގައި ރިލީޒް ކުރުމަށް ނިންމާފައިވާ "ކަމަނާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސެން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މުނައްވަރު ވަނީ މީގެކުރިން ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކަކީ "ސަޒާ" އަދި "ދިލަކަނި" އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ ތެރެއިން ގެވެށިއަނިޔާގެ ހިތްދަތި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދ ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.

https://www.instagram.com/p/C8t3tzUJ-Cx/?utm_source=ig_embed&utm_campaign=loading

"ކަމަނާ" ފިލްމު އޯގަސްޓު މަހުގެ 27 ގައި އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާއިރު، މިފިލްމުގެ ޓިކެޓު މިހާރު ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ފިލްމަށް ޓިކެޓު ބުކް ކުރުމަށްޓަކައި ގުޅާނީ 7458800 ނަންބަރަށް ކަމަށް ސެޓާން ސްޓޫޑިއޯއިން ވަނީ ހާމަކޮށްފަ އެވެ.

"ކަމަނާ" މި ފިލްމް ފެށެނީ ހއ މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން, ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުންނެވެ. ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ.

ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދެ އެވެ. މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ އެވެ.