"އަޅުގަނޑުމެނަކަށް ދަތި ހާލެއް ނުޖެހޭ. އެ ޔަގީންކަން އަޅުގަނޑު ދެން،" ދިވެހި ސަރުކާރަށް ދަތި އުނދަގޫ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށާއި އެފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުން ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށާއި އެކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވާ ކަމަށް ވިދާޅުވެ، ޕީއެންސީގެ ހަރުގެ ޖަލްސާގައި އެ ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ.
މަޝްހޫރު ނަމުންނަމަ ރެޑްވޭވް ސަލީމެވެ. ސަލީމުގެ މިވާހަކައަކީ ވެރިކަން ކުރާ ޕީއެންސީ އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރުގެ ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި ދެއްކި ވާހަކަ އެވެ.
ސަލީމާއި ސަރުކާރުގެ ޕޮލިސީ
ދިވެހި ސަރުކާރުގެ ކަންކަން ހިނގާނުހިނގާ ގޮތާއި ސަރުކާރުގެ މާލީ ހާލަތާއި ގާބިލުކަމާއި ރޭވުންތެރިކަމާއި ރާވާފައިހުރި ޕްލޭންތައް ރައްޔިތުންނަށް ހާމަކޮށްދެއްވަން ސަލީމް މަސައްކަތް ކުރައްވާއިރު ސަލީމަކީ ސަރުކާރާ ބެހޭ ބޭފުޅެއް ނޫނެވެ. ރައްޔިތުން ސަލީމާ ހަވާލުކޮށްފައިވާ ވަރަށް ބުރަ ޒިންމާއެއް އެމަނިކުފާނުގެ ކޮނޑުފުޅުގައި އެބައޮތެވެ. އެ ޒިންމާ ގުޅެނީ ރައްޔިތުންގެ މަޖިލީހާ އެވެ. އެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރައްވައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަކީ ސަލީމަށް އޭނާގެ ދާއިރާގެ ރައްޔިތުން މަތިކުރި މަސްއޫލިއްޔަތެވެ. ސަރުކާރުގެ ޕޮލިސީތައް ހާމަކޮށް ރައްޔިތުންނާ ހަމަޔަށް ގެނެސްދޭ ސަރުކާރުގެ ތަރުޖަމާނަކަށްވުމަކީ ސަލީމަކާ އެއްވެސް ހާލެއްގައި ބެހޭ ކަމެއް ނޫނެވެ.
ސަރުކާރުގެ ޕޮލިސީތައް ހާމަކޮށް ވާހަކަ ދެއްކުމަކީ ސަލީމާ ބެހޭކަމަކަށް ނުވާފަދައިން އެކަންތައް ކުރަންޖެހޭ ޚާއްސަ ގޮތްތަކަކާއި އުސޫލުތަކެއް ވެސް ހަމަޖެހިފައި އޮވެ އެވެ. އެކި އެކި މުއައްސަސާތަކުން އެކި ކަންކަމަށް ޒިންމާވެފައިވާއިރު، އެ މުއައްސަސާއަކުން ކުރާ ކަންތައްތަކުގެ މައުލޫމާތު ހާމަކުރަން ޖެހޭ އުސޫލުން ހާމަކުރުމަކީ އެ މުއައަސަސާތަކުގެ ޒިންމާއެކެވެ. އެހެން ނަމަވެސް އެފަދަ މުއައްސަސާތަކުން ރައްޔިތުން ހޯދަން ބޭނުންވާ މައުލޫމާތު ނުލިބުމުގެ ސަބަބުން ކޯޓުތައް މެދުވެރިކޮށް މައުލޫމާތު ހޯދަން ޖެހޭ ހިސާބަށް ކަންތައް ގޮސްފައި އޮތް ނަމަވެސް އެހުރިހާ މުއައަސަސާތައް ހިމެނޭ ގޮތަށް ސަރުކާރުގެ ހުރިހާ ކަމެއް ރަނގަޅަށް ހިނގަމުންދާ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ކުރަން ޖެހޭ ކަމެއް ނޫނެވެ. އަދި ކުރެވިގެންވާނެ ކަމެއް ވެސް ނޫނެވެ.
ޑިމޮކްރެސީއާ ޚިލާފު ހަރަކާތެއް
ވެރިކަމަށް އައްޔަންވުމާ އެކު ރައީސް މުހައްމަދު މުއިއްޒު، ތަކުރާރުކޮށް ވިދާޅުވި ވާހަކަފުޅެއް އޮވެ އެވެ. އެ ވާހަކަފުޅަކީ އެމަނިކުފާނުގެ ސަރުކާރުގައި ތިއްބަވާނީ 24 ގަޑިއިރު މަސައްކަތްކޮށް ނަތީޖާ ނެރެދެވޭ ފަދަ ބޭބޭފުޅުން ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ރައްދު ނުދެއްވާނެ ވާހަކަ އެވެ. އޭގެ ބަދަލުގައި ހުރިހާ ވަގުތެއް ވެސް ހޭދަ ކުރާނީ ގައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް ނުވަ މަސްވެގެން އަންނައިރު ފެންނަމުން ދަނީ ސަރުކާރުގެ އިސްވެރިން އެއްކުރައްވައިގެން ބާއްވަވާ ހަރުގެ ޖަލްސާތަކުގެ ޒަރީއާއިން އިދިކޮޅު ފަރާއްތަކަށް އިންޒާރު ދިނުމާއި ފާޑުކިއުގެ ޖަލްސާތަކެއް ބާއްވާތަނެވެ.
ޑިމޮކްރެޓިކް އުސޫލުން ވެރިކަން ހިނގާ ގައުމުތަކުގައި ސިޔާސީ މީހުން ތިބެނީ ދެބަޔަކަށެވެ. އެއްބަޔަކީ ސަރުކާރު ހިންގާ ފަރާތެވެ. އެއީ ސަރުކާރުގެ ވެރިންނާއި ވެރިކަން ކުރާ ޕާޓީ އެވެ. ދެން ތިބޭނީ ސަރުކާރުން ކުރާ ކަންތަކަށް ފާޑު ކިޔާ މީހުންނެވެ. އެއީ އިދިކޮޅު ޕާޓީތަކާއި ބައެއް އާންމުންނެވެ.
އެއްބަޔަކު ވެރިކަން ކުރަމުންދާއިރު އިދިކޮޅުގައި ތިބޭ މީހުން އެ މީހުންނަށް ފެންނަ ނުރަނގަޅު ކަންތަކާ މެދު ސަރުކާރަށް ފާޑު ކިޔާނެ އެވެ. އެއީ ސިޔާސީ ހަރަކާތުގައި އެމީހުންގެ މަސްއޫލިއްޔަތެވެ. އެފަދަ ފާޑުކިއުންތަކަށްޓަކައި ޖަލްސާ ބޭއްވުމާއި އެއްވެއުޅުމާއި މުޒާހަރާ ފަދަ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން އޮތުމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސެކެވެ.
ސަރުކާރުގެ ސިޔާސަތަށް އިދިކޮޅު ޕާޓީތަކުން ކިޔާފާޑަށް، ރައްދުދީ، އެމީހުންނަށް އިންޒާރު ދީ އެފަދަ ޕާޓީތަކުގެ އަޑު ސިޔާސީ އުދަރެހުން ކަނޑުވާލުމަށް މަސައްކަތް ކުރުމަކީ ޑިމޮކްރަސީގެ ރޫހާ މުޅިން ޚިލާފު ކަމެކެވެ. ސަރުކާރު ހިންގާ ޕާޓީން ޖަގަހަ ޖަލްސާތައް ބާއްވައި އިދިކޮޅަށް ބަވާ ސަރުކާރަށާއި ރައީސަށް ސަނާ ކިއުމަކީ ޑިމޮކްރަސީގެ ހަމަތަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް ހަމަތަކާ ބީރަށްޓެހި ޚުދުމުޚުތާރު ހަރަކާތެކެވެ.
ވަރަށް ފުރިހަމަ އެހާމެ އިބުރަތްތެރި ލިޔުންކޮޅެއް.
މިސަރުކާރުގައި ސަލީމަކީ އެއްވެސް އުރެއްޕެއް ހުރި މީހެއް ނޫން. އޭދަފުއްޓަށް މި ސަރުކާރުން ކަމެއް ނުކޮށް ދޭނެ.