ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުގެ ޑޮލަރު ލިމިޓަށް ބަދަލު ގެންނަން ނިންމާ އިއުލާން ކުރުމުން އެއީ އިދިކޮޅާ ގުޅިގެން ކުރަން އުޅުނު މާލީ ބަޣާވާތެއްކަމަށް ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެގެ އިސްވެރިން ތުހުމަތު ކުރެއްވުމާއެކު، ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުނުކަމަށް ތުހުމަތުކޮށް ފުލުހުން ފެށި ތަހުގީގަށް މިހާތަށް އެއްވެސް މީހަކާ ސުވާލުކޮށް ބަޔާން ނުނަގާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް އެއްވެސް ފަރާތަކާ ސުވާލު ނުކުރާ ކަމަށާއި ނަމަވެސް ބައެއް މައުލޫމާތުތައް ހޯދައި އެއްކޮށް ކްރިމިނަލް ޕްރޮސީޑިންއެއް ގެންދެވޭނެ މިންވަރަށް އެކަންކަން ފުރިހަމަވޭތޯ ބަލަމުންދާ ކަމަށެވެ.

"މިހާތަނަށް އެއްވެސް ފަރާތަކާ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނަގާފައި ނުވާނެ," ފުލުހުން ބުންޏެވެ.

ފުލުހުން ބަޣާވާތް ތަހުގީގު ކުރަން ނިންމާ ބަޔާނެއް ނެރެފައިވަނީ 26 އޮގަސްޓް ދުވަހުގެ ރޭ ރައީސް މުއިއްޒު ޕީއެންސީ ޖަގަހައިގައި އެ ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ.

ތަހުގީގެއް ފަށާފައިވަނިކޮށް ބީއެމްއެލްގެ ސީއީއޯ މަގާމުގައި ހުންނެވި ކާލް ސްޓުމްކާ ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފަ އެވެ.