ރައީސް މުހައްމަދު މުއިއްޒުގެ އދ. ދަތުރުގައި ދެއްކެވި ވާހަކަފުޅު ޕްރޮމޯޓް ކުރަން ރާއްޖޭގެ ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓާސްއަށް ފައިސާދިންކަން ޔަގީންވެއްޖެ އެވެ.

މި ކަން ޔަގީން ކޮށްދީފައި ވަނީ ޓިކްޓޮކްގައި "ދިންގްލިޝް" އެކައުންޓް ހިންގާ އަފްނާން އިބްރާހިމް އެވެ.

އޭނާ ޓިކްޓޮކްއަށް ޕޯސްޓުކުރި ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި ރައީސްގެ ވާހަކަފުޅު ޕްރޮމޯޓް ކުރުމަށް ސަރުކާރުގެ ފަރާތުން ސިޔާސީ މީހަކު ފައިސާ ދިން ކަމަށެވެ. ނަމަވެސް ފައިސާ ދިންކަން ފޮރުވަން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ކުރިން އެހެން ސަރުކާރު ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރި ތަކުންނާއި އަދި ޔޫއެން އޮފީސްތަކަށް ވެސް އޭނާ ޕެއިޑް ޕޮރޮމޯޝަން ހަދާފައި ވާނެ ކަމަށެވެ. އަދި ސަރުކާރުން ސީދާ ވަކި މީހަކު ޕްރޮމޯޓްކުރަން ފައިސާ ދީފައިވަނީ ހަމައެކަނި ރައީސް ޕްރޮމޯޓްކުރުމަށް ކަމަށް އަފްނާން ބުންޏެވެ.

އޭނާ ބުނީ ޕްރޮމޯޓް ކުރުމަށް އެއްބަސްވެފައިވަނީ ހަމައެކަނި ރައީސްގެ ތަގުރީރުގެ ހުލާސާއެއް ކިޔާދިނުމަށް ކަމަށެވެ. އަދި ރައީސް ދެއްކެވި ވާހަކަތައް ޒުވަނުންނަށް އެނގެން މުހިއްމު ކަމަށް ދެކޭތީ ޕްރޮމޯޓް ކޮށްދެން އެއްބަސްވީ ކަމަށް އަފްނާން ބުންޏެވެ.

އޭނާ ބުނިގޮތުގައި އޭނާގެ އިތުރުން އެހެން ގިނަ ކްރިއޭޓަރުންނަށް ފައިސާ ދިންކަން އޭރު ނޭނގޭ ކަމަށެވެ. އަދި ފަހުން ސަރުކާރުން ފައިސާ ދިން އަސްލު ސަބަބަކީ ރައީސްގެ ވާހަކަފުޅަށް ވުރެ ބޮޑަށް ރައީސް ޕްރޮމޯޓްކޮށް ވައިރަލް ކުރުންކަން ފާހަގަވި ކަމަށް އަފްނާން ބުންޏެވެ.

https://vt.tiktok.com/ZS2ET9uGR/

މީގެ އިތުރުން އަފްނާން ވަނީ ރާއްޖެއިން ވޭޕް ބޭން ކުރުމާއި ގުޅޭ ގޮތުން ވެސް ކްރިއޭޓާސްއަށް އެކަމާ އެއްކޮޅަށް ވާހަކަ ދައްކަން ސަރުކާރުން މިހާރު ފައިސާ ދެމުންދާ ކަމަށެވެ.

މައުލޫމާާތު ލިބިފައިވާ ގޮތުގައި ކޮންޓެންޓް ކްރިއޭޓާސްއަށް ފައިސާ ދީފައިވަނީ ޔޫތު މިނިސްޓްރީގެ ކުރީގެ ނައިބު އަދި މިހާރު އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރު މަލްޝާ ޝަރީފެވެ.

އޭނާ ވަނީ ކޮންމެ ކޮންޓެންޓް ކްރިއޭޓަރަކަށް އެވްރެޖުކޮށް 5000 ރުފިޔާ ދީފަ އެވެ. މި ފައިސާއަކީ ކިހިނެތް ހޯދި ފައިސާއެއް ކަމެއް ޔަގީނެއް ނޫނެވެ.