ގޭންގް ކުށްތަކަށް އަދަބު ކަނޑައެޅުމާއި ގުޅޭ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅިގެން ފަހުން ސަރުކާރަށް އޭގެ އުނދަގޫ ޖެހޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބިލުގައި ވާގޮތުން ގޭންގް ތަކުން ހިންގަމުން އަންނަ ނުރައްކާތެރި ކުށްތަކަށް އަދަބު ދެނީ ޝަރީއަތް މެދުވެރިކޮށް ނޫން ކަމަށާއި އެކުލަވާލާފައިވާ ހާއްސަ ކޮމިޓީއަކުން ކަމަށެވެ.

މީގެ އިތުރުން، މިހާރު ފާސްކުރަން ހުށަހަޅާފައިވާ ގާނޫނުގައި ފުލުހުންގެ އިދާރާގެ ތަހުގީގަށް "ޚާއްސަ އުކުޅުތައް" ބޭނުން ކުރުމުގެ ހުއްދަ ހިމަނާފައިވާ ކަމަށާއި އެއީ ސީދާ އަނިޔާވެރިވުން ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ދުނިޔޭގެ އެންޓި ޓޯޗަރ ކޮމިޝަންގައި ދިވެހި ރާއްޖެ ބައިވެރިވެފައިވާ ކަން ފާހަގަކުރައްވާ އެ ވިދާޅުވާ ޚާއްސަ އުކުޅުތައް ބޭނުންކުރާ ވާހަކަ ގާނޫނުގައި ހިމެނިގެން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް އޮތުމުން މިފަދަ ފޭރާން ދަށް ނުކުތާތައް ހިމަނަމުންދާ ކަމަށާއި މިއީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

އެހެންކަމުން އަމިއްލަ މަންފާ ހާސިލުކުރުމަށް ސަރުކާރުން ފޭހޭ އިލޮށި އަނބުރާ އެމީހުންގެ ލޮލަށް ހެރޭނެ ދުވަސް އަންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ އަމަލުތައް ހުރީ މީގެ 30 އަހަރު ކުރީގައި ކަންކަން ހުރިގޮތަށް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.