ތަފާތު މައުލޫމާތުތަކުގެ މައްޗަށް ތައްޔާރުކުރެވޭ ކުރު ވީޑިއޯ އުފައްދާ ޕްލެޓްފޯމް ޓިކްޓޮކް އުފެދުނު ފަހުން އޭގެ މަގުބޫލުކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ދުނިޔޭގެ އެތައް މިލިއަން ބައެއްގެ މެދުގައި އެ ޕްލެޓްފޯމުގެ މަގުބޫލުކަން އންތިހާއަށް ގޮސްފައިވާ ފަދައިން އެމެރިކާގެ ޒުވާން ޖީލުތައް ވެސް ވަނީ ޓިކްޓޮކާ ނުލާ ނޫޅެވޭ ވަރަށް އެ ޕްލެޓްފޯމާ ގާތްވެފަ އެވެ. މިފަދަ ހާލަތުގައި އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ރަސްމީ ފަރާތްތަކުން ނިންމުމާ ގުޅިގެން އެގައުމުގެ ޒުވާނުންނާއި ޓިކްޓޮކް ބޭނުންކުރާ މުޖުތަމައުގައި ވަނީ ތަފާތު ޝުއޫރުތައް އުފެދި ޖަޒުބާތުތައް ފާޅުކުރަން ފަށައިފަ އެވެ. މި ލިޔުމުގައި ބަލާލާނީ ޓިކްޓިކް މަނާކޮށްފިނަމަ ތަފާތު ދާއިރާތަކަށް ކުރާނެ އަސަރުތަކާއި ގޮން ޖެހުންތަކަށެވެ.

އިގްތިސާދު

ޓިކްޓޮކަކީ އިގްތިސާދާ ގުޅި ލާމެހިފައިވާ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމުން ވިޔަފާރިއަށް ވަރަށް ބޮޑެތި ނުފޫޒު ފޯރުވަ އެވެ. ފާއިތުވެ ދިޔަ ތަނުގައި ވިޔަފާރިތަކުން ވަނީ މާކެޓިން އާއި ޕްރޮމޯޝަން ފަދަ ހަރަކާތްތަކުގެ މައިގަނޑު ވަސީލަތެއްގެ ގޮތުގައި ޓިކްޓޮކް ހަދާފަ އެވެ. ކޮންޓެންޓް ކުރިއޭޓަރުންނާއި އެމީހުންގެ ފޮލޯވަރުންގެ ބޭނުން ހިފައިގެން ވިޔަފާރިތަކުން ހޯދަމުން އައި ނާފާގެ ބޮޑު ބައެއް އުނިވުމުގެ އިތުރުން ޓިކްޓޮކް އިންފުލުއެންސަރުންގެ ގޮތުގައި އާމްދަނީ ހޯދަމުން ގެންދިޔަ ގިނަ ބަޔަކަށް ލިބެމުން ދިޔަ އާމްދަނީ ހުއްޓުމަކަށް އައުމަކީ އިގުތިސާދީގޮތުން މުޅިގައުމަށް އަންނާނެ ލޮޅުމަކަށް ވާނެ އެވެ.

ވަޒީފާގެ ބާޒާރު

ޓިކްޓޮކްގެ އެމެރިކާގެ އޮޕްރޭޝަންތައް ހުއްޓުމަކަށް އަތުވެއްޖެނަމަ އެތައް ބައެއްގެ ވަޒީފާ ގެއްލި ވަޒީފާގެ ބާޒާރަށް މައްސަލަތަކަކާ ކުރިމަތިވާނެ އެވެ. ޓިކްޓޮކުން ސީދާ ވަޒީފާ ދީފައިވާ އިންޖިނޭރުންނާއި ޓެކްނީޝަނުންގެ އިތުރުން ތަފާތު ވިޔަފާރިތަކާ ގުޅިފައިވާ ވަޒީފާތައް ވެސް ގެއްލޭނެ އެވެ. ޓިކްޓޮކް ޕްލެޓްފޯމް ބޭނުންކޮށްގެން އާމްދަނީ ހޯދަމުން ގެންދާ އެތައް މިލިއަން ޒުވާނުންގެ އާމްދަނީ ހުއްޓި އެމީހުންނަކީ ވަޒީފާއެއް ނެތް ބަޔަކަށްވުމުން އެމެރިކާގެ ވަޒީފާގެ ބާޒާރަށް ބޮޑު ހަލަބޮލިކަމެއް އަންނާނެ އެވެ.

ސަގާފީ އަސަރު

ޓިކްޓޮކުން މިވަނީ މީސްތަކުންގެ ހުނަރު އެއްވެސް ހިފެހެއްޓުމެއް ނެތި ދައްކާލުމުގެ ފުރުސަތު ހޯދަދީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ފަންނުން ކުރިއެރުން ހޯދޭނެ މަގު ހުޅުވާލަދީފަ އެވެ. މިއީ ޓިކްޓޮކުން މި ފުރުސަތު ހޯދައި ދިނުމުގެ ކުރިން ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮތް ކަމެކެވެ. ޑްރާމާ އާއި އެކްޓް ކުރުމާއި މިއުޒިކް ފަދަ ހަރަކާތްތަކަކީ ވަކި ބައެއްގެ މުށުތެރޭގައި އޮތް އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައީ ޓިކްޓޮކްގެ ސަބަބުންނެވެ. ޓިކްޓޮކްގެ ޒަރީއާއިން ސަގާފީ ގޮތުން ބަނދެވިފައި ހުރި ގޮށްތައް މޮހެވި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހުނަރު ދުނިޔެއަށް ހުށަހެޅުމުގެ ފުރުސަތު ފަހިވި އެވެ. ޓިކްޓޮކް މަނާކުރުމުން އެފުރުސަތު ހުއްޓޭނެ އެވެ. ނުވަތަ ހަނިވާނެ އެވެ.

ޒުވާނުންގެ ބައިވެރިވުން

މުޖުތަމައުގެ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުމަކީ ނުހަނު ބޭނުން ކަމެއް ކަމުގައި ނުވިޔަސް ދާދި ފަހަކާ ހަމަޔަށް ވެސް އެކަން އެދެވޭ ގޮތަކަށް ނުހިނގަ އެވެ. ޓިކްޓޮކުގެ ސަބަބުން ޒުވާނުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މުނިފޫހި ފިލުވުމާއި އިޖުތިމާއީ ގުޅުންތަކާއި ޚިޔާލު ފާޅުކުރުމުގެ ވަސީލަތަކަށް ޓިކްޓޮކް ބަދަލުވުމުގެ ސަބަބުން ޒުވާނުން އަންނަނީ އެ ފުރުސަތުގެ ބޭނުން ކުރަމުންނެވެ. ޓިކްޓޮކް މަނާކޮށްފި ނަމަ ޒުވާނުންނަށް އެކަމުން އަސަރުތަކެއް ކޮށް ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ނޭދެވޭ ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑެވެ.

ޒާތީ މައުލޫމާތުގެ ރައްކާތެރިކަމުގެ ކަންބޮޑުވުން

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ދައްކާ އެންމެ ބޮޑު ބަހަނާއަކީ މީހުންގެ ޒާތީ މައުލޫމާތުގެ ސިއްރު ކަމާމެދު ހުރި ކަންބޮޑުވުމެވެ. އެމެރިކާއިން ދެކޭ ގޮތުގައި ޓިކްޓޮކްގެ މިލްކުވެރި ފަރާތް ބައިޓް ޑާންސަށް ނުފޫޒު ފޯރުވުމުގެ ބާރު ޗައިނާ ސަރުކާރަށް އޮންނާނެ އެވެ. އެހެންކަމުން އެމެރިކާއިން ޑިމާންޑް ކުރަނީ ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށެވެ. އެކަމަކު ބައިޓް ޑާންސުން ބުނާގޮތުގައި އެ ކުންފުނަޏަކީ ގްލޯބަލް ކުންފުންޏެކެވެ. އެހެންކަމުން ވަކި ގައުމެއްގެ ސަރުކާރަކަށް އެކުންފުނީގެ ޑޭޓާތައް ލިބޭނެ ގޮތެއް ނޯންނާނެ އެވެ. އެމެރިކާއިން ޑޭޓާ ސެކިއުރިޓީއާ ގުޅުވައި ޓިކްޓޮކް ބަންދުކޮށްފިނަމަ ކޮށްފިނަމަ އެކަމުގެ ސަބަބުން ގައުމުތަކުގައި ޓެކް ކުންފުނިތައް ހަރާކާތްތެރި ވާގޮތް ރެގިއުލޭޓުކުރުން ހަރުކަށިވެގެންދާނެ ކަމަށް ބެލެވެ އެވެ.

ޕްލެޓްޕޯމް ބަދަލު ކުރުން

ޓިކްޓޮކް އެމެރިކާގައި މަނާ ކުރާނެކަމުގެ އަޑާއެކު މިހާރުވެސް ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ޓިކްޓޮކް މަނާ ކޮށްފި ހާލަތެއްގައި އެޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުން އެހެން ޕްލެޓްފޯމްތަކަށް ބަދަލުވުމާއި އާ ޕްލެޓްފޯމްތައް އުފަންވުން ފަދަ ކަންތައް ފެންނާނެ ކަމަށް ބެލެވެ އެވެ.

ނިންމާލުން

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުމާ ގުޅިގެން އެގައުމުގެ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސަގާފަތުގެ ދާއިރާއިން ވަރަށްބޮޑު މައްސަލަތަކަކާ ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން މިހާރު ވަނީ ސަރުކާރުން ބޭނުންނަމަ މަނާކުރުމުގެ ބާރު އޮންނާނެ ކަމަށް ނިންމާފަ އެވެ. ކޯޓުން އެގޮތަށް ހުއްދަ ދިން ނަމަވެސް ބައިޑަންގެ ސަރުކާރުން ވަނީ އެކަން ކުރިއަށް އޮތް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ މަތިކޮށްފަ އެވެ. ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ޓިކްޓޮކް މަނައެއް ނުކުރާނެ އެވެ.

ޓްރަމްޕް މިފަހަރު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރި ޒުވާނުންނަކީ ޓިކްޓޮކް މަނާކުރުމާ ދެކޮޅު ގްރޫޕެވެ. އެހެންކަމުން ޓްރަމްޕްގެ ޒައާމަތުގައި ޓިކްޓޮކް އެމެރިކާގައި މަނާކުރާނެ ކަމަކަށް ނުފެނެ އެވެ.