މިއަދުގެ "ރޯދަ މަލާފަތް" ސެގްމެންޓުގައި މި ގެނެސްދެނީ ދިވެހި ރަހަތައް ވަރަށް ރަނގަޅަށް އެކުލެވޭ ކަށިކޭލުން ތައްޔާރުކުރާ ކަށިކެޔޮ ކޭކް އެވެ.

ކަށިކެޔޮ ކޭކަކީ ފަހަކަށް އައިސް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލުވެފައިވާ އަދި އެ ކެއުމަކަށް ގިނަ ބަޔަކު ލޯބިކުރާ ކެއުމެއް ވެސްމެ އެވެ.

ބޭނުންވާ ތަކެތި

ކޭކު

  • 250 ގްރާމް ބަޓަރު
  • 250 ގްރާމް ހަކުރު
  • 250 ގްރާމް ފުށް
  • 6 ބިސް
  • 1/2 2 ސައިސަމުސާ ބޭކިން ޕައުޑަރު
  • 2 މޭޒުމަތީ ސަމުސާ ހިކިކިރު
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންްސް
  • 1 ޖޯޑު ކަށިކެޔޮ (ތުނިކޮށް ކޮށައި މުގުރާފައި)

ސިރަޕް

  • 1/2 1 ޖޯޑު ކަށިކެޔޮ (ކޮށާފައި)
  • 1 ޖޯޑު ހަކުރު
  • 1 ރާނބާފަތް (3 އިންޗި)
  • 1 ސައި ސަމުސާ ރަތް ކާކުލަ

ތައްޔާރު ކުރާނެ ގޮތް

ކޭކު

  1. ތަށްޓެއްގައި ހަކުރާއި ބަޓަރު އެއްކޮށް ވިރެންދެން ގިރާލާށެވެ.
  2. އެއަށްފަހު ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ދާށެވެ.
  3. ދެން ބަޓަރުގަނޑު ތެރެއަށް ފުށް، ބޭކިންގ ޕައުޑަރު، ހިކިކިރު އަދި ވެނީލާ އެސެންސް އެޅުމަށްފަހު އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ.
  4. ރަނގަޅަށް ކޭކް ފުށްގަނޑު ގިރުމުން އޭގެ ތެރެއަށް މުގުރި ކަށިކެޔޮކޮޅު އަޅައި އެއްކޮށްލާށެވެ.
  5. °180 އަވަން ހޫނު ކުރުމަށްފަހު 20 މިނެޓު ވަންދެން ކޭކު ފިހާށެވެ.

ސިރަޕް

  1. ކަށިކެޔޮކޮޅު ތެރެއަށް ފެންފޮދެއް އަޅައި ވަރަށް ހިމުންކޮށް މުގުރާލުމަށްފަހު ނަރުތައް ޖެހުނަ ނުދިނުމަށްޓަކައި ފުރާނާލާށެވެ.
  2. އެއަށްފަހު ފުރާނާފައިހުރި ކަށިކެޔޮކޮޅު ތެއްޔަކަށް އަޅައި އޭގެ ތެރެއަށް ރާނބާފަތް އަދި ހަކުރު އެޅުމަށްފަހު އޮލަވަންދެން ކައްކާލާށެވެ.
  3. ދެން އޭގެ ތެރެއަށް ކާކުލަކޮޅެއް އަޅާލާ އެއްކޮށްލާށެވެ.

ކޭކާއި ސިރަޕް ތައްޔާރު ވުމުން ހިހޫ ކުރަން އިރުކޮޅަކު ބެހެއްޓުމަށްފަހު ކޭކު މަތީގައި ސިރަޕްކޮޅު ރީތިކޮށް ފަތުރާލާށެވެ.