ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް އިފްތިތާހުކުރަން މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ ހުރިހާ ދާއިރާތަކުން، ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ ފަދަ ގާބިލު ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ސިއްހީ ދާއިރާއަކީ މިސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާ އެއް ދާއިރާކަށް ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޓެކްނިކަލް ދާއިރާތަކުން ގައުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވީއިރު، އެކަން ކުރުން ލަސްވެފައިވާ ކަމަށެވެ. އަދި، ފަންނީ ވަޒީފާތަކަށް ޤާބިލު ދިވެހިން ތަމްރީނުކުރުމަށްޓަކައި މި ސަރުކާރުން، ހާއްސަ އިސްކަމެއް ދެއްވާކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ދަތުރު ކުރަމުން މިދަނީ ވަރުގަދަ ލާމަރުކަޒީ ނިޒާމަކަށް. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ރަށުން، އަތޮޅުން ދެވޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހައިން ފޯރުކޮށްދިނުމަކީ އެއީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ކުރިޔަށްގެންދަވަމުން ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން، ރަށުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެކަނިވެސް ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރެއަށް އެ ދެވުނު ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިފައިވާކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އެމްއާރުއައި، ސީޓީ ސްކޭންގެ ޚިދުމަތުން އެކަނި ވެސް މާލެއިން ބޭރުން ގާތްގަނޑަކަށް ތިންހާސް ސީޓީ ސްކޭނާއި، ތޭރަސަތޭކައެއްހާ އެމް.އާރު.އައި ހެދިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ޚިދުމަތްތައް ފޯރުކޮށް ނުދެވުނުނަމަ އެ ޚިދުމަތްތައް ހޯދުމަށްވެސް ތަކުލީފުތަކާއެކު އަންނަންޖެހިފައި އޮންނަނީ މާލެއަށް ކަމުގައި ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.