މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އިންތިހާބެއްގައި އެމްޑީޕީއަށް އެންމެ ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނު ފަހަރެވެ؛ ގިނަ ޕާޓީތަކެއް ހިމެނޭ ކޯލިޝަނަކާއެކު ވެރިކަމަށް އަރައި، ކޯލިޝަން ދޫކޮށްލައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ބޮޑު މެޖޯރިޓީއެއް ކާމިޔާބުވުމާއެކު އެމްޑީޕީއަށް ހީވީ މުޅި ދުނިޔެ ވެސް ހިތަކަށް ލިބުނީހެންނެވެ. ނަމަވެސް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ނަތީޖާ ނުކުތީ އެމްޑީޕީ އުއްމީދުކުރި ގޮތާ މުޅިން އިދިކޮޅަށެވެ.

ވެރިކަމަށް އައުމާއެކު އެމްޑީޕީއަށް ވެރިކަން ހޯދައިދިން ކޯލިޝަން މަތިން ހަނދާން ނައްތާލައި، ވެރިކަން އަމިއްލަ އެއްޗަކަށް ހެދި އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިއްތުންތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެސް މަޖުބޫރުވީ މަޖިލިސް އިންތިހާބު ގޮތަށް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ވިއްކަން ނުމެވަޑައިގަތުމަށެވެ. އެކަމަކު މަޖްލިސް އިންތިހާބާ ހިލާފަށް މިފަހަރު ކުރިމަތިވި ގޮންޖެހުންތައް ގިނަ އެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ނުކުތްއިރު ޕާޓީ އޮތީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިސް އެހީތެރިން ތިބީ އެކަކު އަނެކަކުގެ ކަރުގަ ހިފައިގެންނެވެ. ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، ޕާޓީ އޮތީ ކިރިޔާ ދެފަޅިއަށް ނުފެޅި އެވެ. އިންތިހާބު ބާއްވަން ހަފުތާއަކަށް ވެފައި ވަނިކޮށް ވެސް ރައީސް ނަޝީދު ވަނީ ސަރުކާރުގެ ކަންފަތްމަތީގައި އެތިފަހަރެއް ޖައްސަވައިފަ އެވެ. ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ސަރުކާރަށް ވަގަށް ގޮވައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ ދިމާލަށް ވެސް ހިތުހުރި އެއްޗެއް ގޮވީ އެވެ. ހަގީގަތަކީ މި އިންތިހާބަށް ނުކުތްއިރު އެމްޑީޕީ އޮތީ ހަމަޔަށް ދެފަޅިވެފަ އެވެ.

މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލާ މަރުކަޒުގައި

އެކަމަކު ވެސް ސަރުކާރާއި އެމްޑީޕީން އެކަތިގަނޑެއް ކަމަށް ހެދިގެން ނުކުމެ އެންމެ ފަހު ވަގުތު ވެސް ރަށްރަށަށް މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވަޑައިގެން ބިންގާ އެޅުއްވުމާއި ކުދިކުދި އިމާރާތްތައް ވެސް ހުޅުވީ އެވެ. ޒަމާނުއްސުރެ ވޯޓާ ދިމާކޮށް ކަޑަޖަހާ އުސޫލުން ނުކުމެ، ބިން ވެސް ހަމަނުޖެހޭ ތަންތަނުގެ ބިންގާ އެޅުމާއި ރިބަން ކެނޑުމުގެ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިޔަށް ގެންދިޔަ އެވެ. އޭގެ އިތުރުން މީގެ އަހަރެއްހާ ދުވަސްކުރިން ނިންމައި ހަވާލުކުރަން ބުނި ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ވެސް އެންމެ ފަހު ވަގުތު ގައުމީ ޓީވީން ލައިވްކޮށްގެން ކުރިޔަށް ގެންދިޔައީ އެވެ. އެކަމަކު ވެސް މާލޭގެ މޭޔަރުކަމުގެ ގޮނޑި އާއި އިތުރު އެތައް ގޮނޑިއެއް ސަރުކާރު ނިސްބަތްވާ މައި ޕާޓީއަށް ގެއްލުނީ އެވެ.

"އަސްލު މިފަހަރު އެންމެ ބޮޑަށް ދިމާވި އެއް މައްސަލައަކީ ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވެ ފޯކަސް ގެއްލުން. ދެން ވައުދުވި ގިނަ ކަންކަން ފުއްދައި ނުދެވުން. އޭގެ އިތުރަށް ޕާޓީގެ ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުކުމެ ޕާޓީއާ ޗެލެންޖްކުރުމުން ގިނަ ގޮނޑިތަކެއް ގެއްލިއްޖެ،" އައްޑޫ ސިޓީ ކައުންސިލަށް އަލަށް ހޮވުނު އެމްޑީޕީގެ މެމްބަރަކު ވިދާޅުވި އެވެ.

މިފަހަރުގެ އިންތިހާބުގައި އެމްޑީޕީ އެންމެ ބޮޑަށް ލަދުގަންނަން ޖެހުނީ ޒަމާނުއްސުރެއް އެ ޕާޓީގެ މައި ކިއްލާއެއްގެ ގޮތުގައި ދެކިގެން ތިބި މާލެ ސިޓީގެ ގިނަ ގޮނޑިތަކަކާއި މޭޔަރުގެ ގޮނޑި އިދިކޮޅު ޕީޕީއެމް އިން ކާމިޔާބުކުރުމެވެ.

މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބަލިކުރަން އެމްޑީޕީގެ އިސްވެރިންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަދި ސަރުކާރަށް ވާގިވެރިވާ މީޑިއާތަކުން ނުގޮވާ އެއްޗެއް ނެތެވެ. އެވަރުން ނުވެގެން ދޮގު ތުހުމަތުތަކެއް ބޮލުގައި އަޅުވައި ޑރ. މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދެއިރުކާ ބޭހެއް ހެން އެތަނަށް ވެސް ގެންދެވި އެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އާއި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ މާލެ ސިޓީގެ މޭޔަރަށް ވާދަކުރެއްވި ޑރ. މުއިއްޒު ކަޓުވާލައި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ހޮވުމެވެ.

އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު

އަނަސް އަތުގައި ހިއްޕައިވައިގެން ވޯޓު ހޯދުމަށް ރައީސް ނަޝީދު މާލޭގެ ގެއަށް ވަޑައިގެން ބައެއް ގޭގެއަށް ނުވަދެވިގެން އެ ގޭގޭގެ ތަޅުގެ ލޯވަޅުން ލޯދިއްކޮށްގެން ވެސް ވޯޓެއް ލިބޭތޯ މަސައްކަތްކުރެއްވި އެވެ. ނަމަވެސް ނަތީޖާ ނުކުތީ އެމްޑީޕީ އުއްމީދުކުރި ގޮތާ މުޅިން ހިލާފަށެވެ. ތިލަފަތަށް ބުނީ ނޫނެކެވެ.

މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމް ލިބުނީ ހަތަރު މޭޔަރު ގޮނޑީގެ ތެރެއިން މާލޭގެ މޭޔަރުގެ ގޮނޑި އެކަންޏެވެ. އެކަމަކު ނުވަ އަތޮޅު ކައުންސިލް ރައީސް ކަމުގެ ގޮނޑި ހޯދި އެވެ. މިއީ މަޖްލިސްގެ 45 ދާއިރާއެއްގެ ގޮނޑިތަކެކެވެ.

އެމްޑީޕީއަށް ލިބިފައިވާ ހުރިހާ އާރަކާއި ބާރަކާއި ނުފޫޒެއް ބޭނުންކޮށްގެން ވެސް މުޅި ރާއްޖެއިން ލިބުނީ ތިން ސިޓީ މޭޔަރުންގެ ގޮނޑީގެ އިތުރުން ނުވަ އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި އެވެ. މިއީ މަޖްލިސްގެ 42 ދާއިރާއެއްގެ ގޮނޑި އެވެ. މި ނިސްބަތުން ބަލާއިރު އެމްޑީޕީއަށް މިހާރު ވަނީ ރާއްޖޭގެ ބޮޑު މެޖޯރިޓީ ގެއްލިފަ އެވެ.

ޕީޕީއެމް މި ބޮޑު ކާމިޔާބު ސިފަކުރީ ގައުމީ ބޮޑު ޖިހާދެއް ގޮތުގަ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ރޭ ނޫސްވެރިނާ ބައްދަލުކުރައްވައި ވިދާޅުވީ އިންތިހާބުން އެހާ ބޮޑު ކާމިޔާބެއް ހޯދުނީ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވުމުން ކަމަށެވެ. އަދި ސަރުކާރުން ވައުދުވި އެއްވެސް ކަމެއް ހަގީގަތަކަށް ނުވުމަކީ ވެސް އިންތިހާބު ބަލިވުމުގެ އެއް އަސްލު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ކޯލިޝަނަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބެއް. އަޅުގަނޑުމެން ލީޑަރު އޮތީ ޖަލުގައި. އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ފުރުސަތެއް ނުދިން. އަޅުގަނޑުމެންގެ އަތްފައި މިވަނީ ބަނދެފައި،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ހަގީގަތުގައި ޕީޕީއެމް އިން މިފަހަރު ލޯކަލް ކައުންސިލް އިންތިހާބަށް ނުކުތީ ވެސް ސަރުކާރު ނުވަތަ އެމްޑީޕީ ސައިޒުކުރުމުގެ އަޒުމާއެކު އެވެ. ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރުމުގެ ޓިކެޓް ފިޔަވައި ކެންޑިޑޭޓުންނަށް މާބޮޑު އެހީތެރިކަމެއް ނުދެވުނަސް އެ ޕާޓީގެ ކެންޑިޑޭޓުން ނުކުމެ ހޯދީ ބޮޑު ކާމިޔާބެކެވެ. މުޅި ސަރުކާރުގެ މެޝިނަރީއާ ދެކޮޅަށް ނުކުމެ އެހޯދި ކާމިޔާބީއަކީ އެމްޑީޕީ ލަދުގަންނަވާލި ނަތީޖާއެކެވެ.