އެމެރިކާއާއެކު ދެން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކުރިއަށް އޮތް މަޝްވަރާތަކާ ގުޅޭ އެއްވެސް ރޭވުމެއް ނެތް، އަދި މިކަމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ހަފުތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ ވިދާޅުވެފަ އެވެ.
ބަގާއީ އިތުރަށް ވިދާޅުވީ، ދެ ހަފުތާގެ މުއްދަތަށް އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ހިލާފުވަމުންދާ ކަމަށް ބުނެ، ޑިޕްލޮމެޓިކް އުސޫލުން ކަންކަން ހައްލުކުރުމަށް އެމެރިކާގެ ސީރިއަސްކަމެއް ނެތް ކަމަށެވެ.
"ޑިޕްލޮމެޓިކް މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން ދައުވާ ކުރި ނަމަވެސް، އެ ގައުމުގެ އަމަލުތަކުން ޑިޕްލޮމެޓިކް މަރުހަލާއަކަށް ދިއުމުގެ އެއްވެސް ސީރިއަސްކަމެއް އެއްގޮތަކަށްވެސް ނުފެނޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި ބަގާއީ ވިދާޅުވި އެވެ.
އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާއިން ދިން ހަމަލާއާއި، އީރާނުގެ ބަނދަރުތައް އެމެރިކާގެ ކަނޑުގެ ސިފައިން ބަންދުކުރުމުގެ އިތުރުން، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން ލަސްކުރުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ސާފުކޮށް ހިލާފުވުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންގާރަ ދުވަހު އެމެރިކާގެ ވަފުދު ޕާކިސްތާނުގައި އޮންނަ މަޝްވަރާގައި ބައިވެރިވުމަށް ފުރާނެކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އީރާނަށް ތަފާތު އިންޒާރުތައް ދެއްވާ، އެންމެފަހުން މިއަދުގެ ވަގުތެއްގައި އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ މަނަވަރަކުން ހަމަލާ ދިނުމާއި ގުޅިގެން މަޝްރަހު ވަނީ ގޯސްވެފަ އެވެ.
މުޒާހަރާގެ ތެރެއިން ސޯފާއެއް ފުލުހުންގެ ބެލުމުގެ ދަށަށް
ޕާޓީތަކާ މަޝްވަރާކުރުމަކީ މެންޑޭޓުން ބޭރުކަމެއް: ރައީސް
"ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން"