ކޮމާކޯޅިއެއްގައި އެ ވަނީ ނޫހެއްގައި އޮތް ޚަބަރެއްގެ ސުރުޚީއެކެވެ. ކިޔާލުމުން ދޭހަވާ މާނައަކީ ސަރުކާރުގެ މުއައްޒަފުންގެ ތެރެއިން ސޮއި ކޮށްފައި (އިނގިލި ޖަހާފައި) މަސައްކަތެއް ނުކޮށް ގޭގައި ތިބޭ މީހުން ވަޒީފައިން ވަކި ކުރަން ސަރުކާރުން ނިންމެވި ކަމެވެ. އެކަމެއް އެގޮތަށް ނިންމެވީ "ސަރުކާރު ފަޅިން" ނިކުތް "ދޫނިތަކަށް" ކައުންސިލް އިންތިޚާބުން ލިބުނު ބޮޑު ނާކާމިޔާބުގެ ފަހުންނެވެ. ސުވާލަކީ އެފަދަ ބަޔަކު (އިނގިލި ޖަހާފައި ގޭގައި ތިބޭ ބަޔަކު) ސަރުކާރުގެ މުއައްޒަފުންގެ ގޮތުގައި އެބަ އުޅޭ ބާވަ އެވެ. އުޅޭނަމަ އެއީ ކިހިނެއްވެގެން ތިބި ބައެއް ބާވަ އެވެ.

ސަރުކާރުގެ މުއައްޒަފުންނަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރު ކޮށްދީ ގައުމުގެ ކަނަކަން ސުލަހަވެރިކަމާއި އަމާނާތްތެރިކަމާ އެކު ހިންގުމަށް ކަނޑައަޅާފައިފައިވާ ބައެކެވެ. ސަރުކާރުގެ އެކި މުއައްސަސާތަކަށް މުއައްޒަފުން އައްޔަން ކުރާނީ އެތަނަކުން ދޭން ބޭނުންވާ ޚިދުމަތެއް ދިނުމަށް ކޮންމެހެން ބޭނުންވާ މިންވަރަކަށެވެ. އެ މީހުނަށް މުސާރަ ދޭނީ ރައްޔިތުންގެ ފައިސާ އިންނެވެ. އެހެންކަމުން އިނގިލި ޖަހާފައި ގޭގައި ތިބޭ ބަޔަކު ތިބި ނަމަ އެއީ ކިހިނެއް ވެގެން ތިބި ބަޔަކުތޯ ބަލަން އެބަ ޖެހެ އެވެ. އެ ބަޔަކަށް ވަޒީފާ ލިބުނު ގޮތެކެވެ. މަސައްކަތެއް ނުކޮށް ގޭގައި ތިބެވޭ ގޮތެކެވެ. އެފަދަ މީސްމީހުނަށް މުސާރަ ދެވޭ ގޮތެކެވެ.

ގާނޫނީ ހަމަތަކުގެ މަތިން ހިނގަމުންދާ ސަރުކާރެއްގެ ތެރޭގައި މަސައްކަތެއް ނުކޮށް މުސާރަ ލިބޭ ބަޔަކު އުޅެދާނެ ކަމަށް ގަބޫލު ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް ޕީއެންސީ ވެރިކަމުގައި ފައި ހަރުކުރި ހިސާބުން އެފަދަ ވާހަތައް އިވެން ފަށައިފި އެވެ. މިވެނި އެވެނި ބަޔަކު އޮފީހަށް ނުގޮސް މުސާރަ ލިބޭ ވާހަކަ އެވެ. އެފަދަ ވާހަކަ އިވުނު ކަމަށް ވިޔަސް ހީވެފައި އޮތީ ނުވަތަ ގަބޫލު ކުރަން ފަސޭހަ ވީ އެއީ ކޮންމެވެސް ބަޔަކު ވަރަށް ސިއްރުން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. އެފަދަ މީހުންގެ އަދަދު މާގިނަ ވެސް ނުވާނެ ކަމަށެވެ.

ކައުންސިލް އިންތިޚާބަށްފަހު ސަރުކާރުގެ އިސް ފަރާތްތަކުން ދެއްވި މައުލޫމާތުގެ މައްޗަށް ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީ އަށް އެވާހަކަ ވަނީ ތިލަ ވެފަ އެވެ. އެ ހަބަރުތަކަށް ބަލާއިރު ސޮއިކޮށްފައި ގޭގައި މުއައްޒަފުން ތިބޭކަމީ ސިއްރެއް ނޫނެވެ. އެފަދަ ގިނަ ބަޔަކު އެބަ ތިއްބެވެ. އެ ވާހަކަ ދައްކަނީ އެއީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭ ފަދައިންނެވެ.

އިނގިލީގެ ވާހަކައަށްފަހު ރައީސް މުހައްމަދު މުއިއްޒު މިހާރު ވަނީ ކެމްޕޭނާ ދިމާކޮށް ވަޒީފާ ދިނުން ހުއްޓަވާ ލައްވަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަނެއްކާ ވެސް ސުވާލެކެވެ. ކެމްޕޭނާ ދިމާކޮށް ސިޔާސީ ގޮތުން ވަޒީފާ ދޭ ހެއްޔެވެ؟ ދޭ ކަމަށް ވަންޏާ އެ ކުރެވެނީ ކިހާ ބޮޑު ކުށެއްކަން ނޭނގެނީ ހެއްޔެވެ؟ ރައީސް ވިދާޅުވީ މީގެ ފަހުން ވަޒީފާ ދެއްވާނީ ސީވީއަށް ބެލުމަށް ފަހު އެ މީހާގެ ގާބިލު ނަމަ އެވެ. ނޫނީ މެރިޓަށް ބަލާފަ އެވެ. ސުވާލަކީ އެނޫން ގޮތަކަށް ވަޒީފާ ދިނުމުގެ ހުއްދަ ލިބެނީ ކޮން ގާނޫނަކުން ހެއްޔެވެ؟

ގާނޫނޫގެ ބާރު ހިނގާ ގައުމެއް ނަމަ ގާނޫނާ ޚިލާފަށް އެތައް ބަޔަކަށް ވަޒީފާ ދިނުމާއި އެތައް ބަޔަކު އޮފީހަށް ހާޒިރު ނުވެ، މުސާރަ ނަގާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެވޭނެ އެވެ. ވަޒީފާ ދިން ބަޔަކު ކުށްވެރި ވާނެ އެވެ. ވަޒީފާއަށް ނުނިކުމެ މުސާރަ ނެގި ބަޔަކަށް ލިބުނު ފައިސާ އަނބުރާ ހޯދެ އެވެ. ނަމަވެސް ރާއްޖޭގައި އެއިން އެއްވެސް ކަމެއް މައްސަލައަކަށް ނުވެ އެވެ. ކެމެރާގެ ކުރިމަތީގައި އެ ވާހަކަ ދައްކަވާއިރު ރައީސްގެ މޫނުފުޅަށް ރުލެއް ވެސް ނާރަ އެވެ. ކަމާ ބެހޭ މުއައްސަސާތައް ވެސް ބަރާބަރަށް އެބަ ހިނގަ އެވެ. ބެލޭ މައްސަލައެއް ނެތެވެ. އެހެންކަމުން އިނގިލި ޖަހާފައި ގޭގައި ތިއްބާ އެކައުންޓަށް މުސާރަ ޖަމާވުމަކީ ރާއްޖޭގައި އެއްވެސް މައްސަލައެއް ކަމަށް ނުފެނެ އެވެ.