ހުކުރު ދުވަހުގެ ރޭ ވެގެން ދިޔައީ ރާއްޖޭގެ ސިޔާސީ މަސްރަހު މުޅިން އާ މިސްރާބަކަށް ބަދަލުކޮށްލި ތާރީހީ ރެއަކަށެވެ. ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ނުފޫޒުގަދަ ތިން ސިޔާސީ ޝަހުސިއްޔަތު ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަޝްވަރާގެ މޭޒަށް ވަޑައިގެން، މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.
މި ކުއްލި ސިޔާސީ ހަރަކާތާއެކު، ނާޒުކު ފައްތަރެއްގައި އޮތް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާއި، ޕީއެންސީގެ ލީޑަރުންނަށް ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިފަ އެވެ. ރޭގެ މުޅި ވަގުތު ސަރުކާރުގެ އިސްވެރިންނާއި، މުސާރަ އާއި ސިޔާސީ މަގާމު ދީގެން ސޯޝަލް މީޑިއާގައި ޕޯސްޓް ޖަހާ ފަރާތްތަކުން ހޭދަކުރީ މި ތިން ރައީސުންގެ ނިންމެވުން ބަލައިނުގަނެވި، ބިރުން ލޮލަށް ނިދިނައިސްގެން ސޯޝަލް މީޑިއާގައި އެކި ކަހަލަ ފާޑުކިއުންތައް އަމާޒުކުރުމުގަ އެވެ.
ހާއްސަކޮށް، މިހާ ދުވަހު ބާކީކޮށް އެއްފަރާތްކޮށްފައިވާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ފަދަ ބޭފުޅުން ގެންދެވީ އެކި ކަހަލަ ދޮގުތަކާއި ފުރައްސާރަކޮށް ރައްޔިތުންގެ ސިކުނޑިތަކަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، ރައްޔިތުން މި ސަރުކާރާ މެދު މާޔޫސްވެ ފޫހިވެފައިވާ މިންވަރު މާލޭގެ މަގުތަކުގައި ކޮންމެ ރެޔަކު ކުރަމުންދާ މުޒާހަރާތަކާއި ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ޝުއޫރުތަކުން ވަރަށް ސާފުކޮށް ފެނެ އެވެ. ސަރުކާރަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެންނެވެ. މިއީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ރައީސް މުއިއްޒަށް ކުރި ތުހުމަތުތަކެއް ފޮރުވުމަށް ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. މުޅި ދައުލަތުގެ ވަސީލަތްތަކާއި، ކޯޓުތަކާއި، ތަންފީޒީ އިދާރާތައް ބޭނުންކުރަމުން ދަނީ ރައީސްގެ ޒާތީ ދިރިއުޅުމަށް ކުރެވިފައިވާ ތުހުމަތުތައް އޮއްބާލުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ތިން ރައީސުންގެ ބައްދަލުވުމާއި ގުޅިގެން ޕީއެންސީން އެންމެ ބޮޑަށް ފާޑުކިޔަނީ ރައީސް ޔާމީން ގައުމު ހަމަމަގަށް އެޅުއްވުމަށް ނުކުންނެވުމުންނެވެ. ރައީސް ޔާމީނަކީ ރައީސް މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅާ ކަމަށްވީ ނަމަވެސް، ވެރިކަން ލިބުމާއެކު ރައީސް މުއިއްޒު ވަނީ ޔާމީން ބާކީކޮށް، ޕީޕީއެމް އުވާލައި، ހުދުމުހުތާރު ވެރިކަމަކަށް މަގުކޮށްފަ އެވެ. ކުރިން ރަައީސް ޔާމީނަށް ސަނާކީ ލީޑަރުން މިއަދު ވަނީ މަގާމާއި ފައިސާއަށް ވިކި، ރައީސް ޔާމީނާއި ޕީޕީއެމްއަށް ރައީސް މުއިއްޒު ދެއްވި "ދޯކާ" އާއި ވީ އިހުމާލު ފޮރުވުމަށް އަތުކުރި އޮޅާލާފަ އެވެ.
ކޮންމެއަކަސް، ގައުމު ފާލުން ނެއްޓިގެންދާ މި ދަނޑިވަޅުގައި، ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރައްވައި ތިން ރައީސުން ނުކުންނެވުމަކީ ގައުމު ސަލާމަތްކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެތައް ހާސް ސިޔާސީ މުވައްޒަފުންނަށް ބޮޑު ހޭދައެއްކޮށްގެން ރައްޔިތުންނަށް އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ހޭލާ ތިބެ ޕޯސްޓް ކުރިނަމަވެސް، އާންމުން ބުނަމުންދަނީ ރައީސް މުއިއްޒު ގައުމު ހިންގެވުމުގައި ބޮޑުތަނުން ފެއިލްވެއްޖެ ކަމަށެވެ. ހުރިހާ ސިޔާސީ ލީޑަރުން އެކުވެގެންވެސް ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމަކީ ގިނަ ރައްޔިތުންގެ އާދޭހެވެ. ހަގީގަތުގައި ރޭ މިވަނީ ރާއްޖޭގެ ސިޔާސީ މަންޒަރު މުޅިން ބަދަލުވެފަ އެވެ.
މިހާރު "ދުރަންދަރް 2" ނެޓްފްލިކްސްއިން ބަލާލެވޭނެ!
ޝާހިލްގެ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި