މާލެ ސިޓީގެ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ވެސް ހުވާކުރުމުގެ ރަސްމިއްޔާތު އެންމެ ފަހުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ނިންމާފައި އޮތީ އިންތިހާބުވި މޭޔަރާއި ކައުންސިލަރުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައި ބާއްވާ ގޮތަށެވެ.
ނަމަވެސް މި ނިންމުން ބަދަލުކޮށްފައިވާ ކަމަށާއި މިހާރު އަލަށް އިންތިހާބުވި ކައުންސިލަރުންގެ ހުވާ ކުރުން އޮންނާނީ އޮންލައިންކޮށް ކަމަށް އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މިގޮތަށް ނިންމީ އެޗްޕީއޭއިން އެކަމަށް އެދިގެން ކަމަށާއި މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން އަންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އަދި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް މިފަހަރު ލިބުނީ ޕީޕީއެމަށެވެ. އެ ޕާޓީން ޖުމްލަ 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ.
މިހާރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އަދި ޖޫމްހޫރީ ޕާޓީން ވެސް ވަނީ އެއް ގޮނޑި ހޯދައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ އިތުރުން އެހެން ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެމްބަރުންގެ ހުވާކުރުން ވެސް މާދަމާ އޮންނާނެ އެވެ. މި ރަސްމިއްޔާތުތައް ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ އޮންލައިކޮށެވެ.