ހިޔާ ފްލެޓްތަކުގެ މަހަކަށް ދައްކަންޖެހޭ އަގު ކުޑަކުރުމަށާއި ގުޅީފަޅުގައި ޕޯޓް އެޅުން ހުއްޓާލުމަށް އަލަށް ހުވާކުރި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފި އެވެ.

މިގޮތަށް މުއިއްޒު ސަރުކާރަށް ގޮވާލެއްވީ މާލެ ސިޓީގެ މޭޔަރު ކަމަށް ހުވާކުރުމަށް ފަހު ސިޓީ ކައުންސިލުގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ފްލެޓްތަކުގެ މަހަކަށް ދައްކަންޖެހޭ ވަރު 5،600 ރުފިޔާ އަށްވުރެ ބޮޑު ނުކުރުމަށާއި ޑައުންޕޭމަންޓް އެއް ފަހަރާ ނުދެއްކޭ ފަރާތްތަކަށް ބަހާލއިގެން ދެއްކޭ ގޮތް ހަދައިނުމަށް ގޮވާލަށް. އަދި ގުޅީފަޅުގައި ޕޯޓް އެޅުން ހުއްޓާލުމަށް ވެސް މުއިއްޒު ވަނީ ސަރުކާރަށް ގޮވާލަން،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު މިގޮތަށް ސަރުކާރަށް ގޮވާލައްވާފައިވާ އިރު ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން ވަނީ މަހަކަށް ދައްކަންޖެހޭ އަދަދު ކުޑަ ކުރުމަށާއި ޑައުންޕޭމަންޓް އެއް ފަހަރާ ދެއްކުމުގެ ބަދަލުގައި ބަހާލައިގެން ދެއްކުމަށް އެދިފަ އެވެ. އަދި ފުރަތަމަ ތިން މަހުގެ ކުލި ނުނެގުމަށާއި ޕެންޝަން ފައިސާއިން ޑައުންޕޭމަންޓް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރުގެ ކިބައިން އެދިފަ އެވެ. މީގެ އިތުރުން ގުޅީފަޅުގައި ޕޯޓް ތަަރައްގީކުރުމަށް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލަށް ސަރުކާރުން އެއްބާރުލުން ދޭހައި ހިނދެއްގައި ސިޓީ ކައުންސިލަކީ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާއަށް ވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ސަރުކާރުން ދޭ އެއްބާރުލުމުން އުފާވެރިކަން ލިބޭނީ މާލެ ރައްޔިތުންނަށް ކަމަށާއި، އެމަނިކުފާނު ޔަޤީންކުރައްވާ ގޮތުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

މިއަދަކީ މި ސަރުކާރަށް ދެ އަހަރާ ބައިވެފައިވާކަން ފާހަގަ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުން ބުނެފައި ވަނީ މި ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށެވެ. އަދި މާލޭ ރައްޔިތުން ބޭނުންވާ އުންމީދުތައް ހަގީގަތަކަށް ސިޓީ ކައުންސިލުގެ މިދައުރުގައި ހަދާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"ކޮންމެ ބޮޑު ކަމެއް ނިންމުމުގައި އަޅުގަނޑުމެން ރައްޔިތުންގެ ހިޔާލު ހޯދާނަން. އިރާދަކުރެއްވިއްޔާމު ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް އަަޅުގަނޑުމެން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލު ހިންގުމުގައި އަދި މިއަދު ފާސްކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ސަރުކާރުން އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.

އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތައް މާލެ ސިޓީގެ ރައްޔިތުންގެ ނަމުގައި ޑރ. މުއިއްޒު ވަނީ ކުށްވެރިކުރައްވާފަ އެވެ. އަދި މާލެ ރައްޔިތުން އެދެނީ ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަން ލިބުން ކަމަށް ވެސް މާލެ ސިޓީގެ އާ މޭޔަރު ވިދާޅުވި އެވެ.