ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސަ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފި އެވެ.

އުމުރުން 73 އަހަރުގެ ޝިރަންތީ ހައްޔަރުކޮށްފައިވަނީ ކޮލަމްބޯގެ ކިރުލަޕޯނޭގައި ހުންނަ އެ އާއިލާގެ ގެއިން، އެ ގައުމުގެ ކޮރަޕްޝަން ބަލާ ކޮމިޝަން (ސިއަބޮކް) އިންނެވެ. ސިއަބޮކްއިން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކުރީ ޕަބްލިކް ޕްރޮޕަޓީ އެކްޓާއި އެންޓި-ކޮރަޕްޝަން ގާނޫނުތަކުގެ ދަށުން، ދައުލަތުގެ ބޭންކަކުން އެއް ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 30,289 ޑޮލަރު) ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގަ އެވެ.

މި މައްސަލައަކީ 2011 އަދި 2012 ވަނަ އަހަރާ ދެމެދު، ކުޑަކުދިންގެ ހޮސްޕިޓަލެއް ކަމަށްވާ "ލޭޑީ ރިޖްވޭ ހޮސްޕިޓަލް" އަށް ސީޓީ ސްކޭން މެޝިނެއް ގަތުމުގެ ނަމުގައި ދައުލަތުގެ ބޭންކަކުން ދޫކުރި ފައިސާ، ޝިރަންތީ އިސްވެ ހިންގަވާ "ސިރިލިޔާ ސަވިޔާ" ޖަމިއްޔާގެ އެކައުންޓަށް ޖަމާކުރި މައްސަލައެކެވެ. ނަމަވެސް، އެ ފައިސާއިން އެފަދަ މެޝިނެއް ގަނެފައިނުވާ ކަމަށާއި، އެ ހޮސްޕިޓަލަށް ލިބިފައިވަނީ ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން ޕެޓް ސްކޭން މެޝިނެއްކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

ބޭސްފަރުވާއަށް ސިންގަޕޫރުގައި އުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވިތާ އެއް ދުވަސް ތެރޭގައި ޝިރަންތީ ހައްޔަރުކުރިއިރު، އޭނާ ހައްޔަރުކުރުން ހުއްޓުވުމަށް ވަކީލުން ވަނީ ކޯޓަށް މައްސަލައެއް ވެސް ވައްދާފަ އެވެ. މީގެ އިތުރުން، މިދިޔަ މަހު ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އަށް ހާޒިރުވާން އެންގުމުން ސިއްހީ ސަބަބުތަކާ ހުރެ އޭނާ ވަނީ ހާޒިރުވެފައެއް ނުވެ އެވެ.

މި ތަހުގީގަކީ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތައް ބެލުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ބައެކެވެ. މިގޮތުން، އެ ދެކަނބަލުންގެ ދޮށީ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވެސް ސްރީލަންކަން އެއާލައިންސްއަށް ބޯޓު ގަތުމާއި، ހޮޓެލް ޕްރޮޖެކްޓަކުން ރިޝްވަތު ނެގި މައްސަލައެއްގައި ހައްޔަރުކޮށް، ރިމާންޑް ޖަލުގައި ބެހެއްޓުމަށްފަހު މިދިޔަ ބުދަ ދުވަހު ވަނީ ދޫކޮށްލާފަ އެވެ. ސިރިލިޔާ ސަވިޔާ ޖަމިއްޔާއާ ގުޅޭ މާލީ މައްސަލަތަކުގެ ތަހުގީގު ސިއަބޮކްއިން އަދިވެސް ދަނީ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަމުންނެވެ.