ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް އެތަނުގެ ފިނިޝިން މަސައްކަތައްދާ ހަރަދުތައް ޕެންޝަން ފަންޑުން ހަމަޖެހޭނެ ގޮތެއް ހަދައިދިނުމުގައި މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފި އެވެ.

ހިޔާ ފްލެޓްތައް ނިންމުމުގެ މަސައްކަތާ ގުޅޭޭގޮތުން މާލެ ސިޓީގެ މޭޔަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް ކުރަންޖެހޭ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން އެ ފްލެޓް ލިބިފައިވާ އާންމު ރައްޔިތުންގެ ޕެންޝަން ފަންޑްގެ ފައިސާއިން އެ މަސައްކަތަށް ހަރަދު ކުރުމުގެ އިހްތިޔާރު ދިނުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

މޭޔަރުގެ މިޓުވީޓަށް ރައްދު ދެއްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މާސާ މަނިކު ވިދާޅުވީ ޕެންޝަން ފަންޑުގައި ފައިސާ ނެތް ކިތަންމެ ބަޔަކަށް ވެސް ފްލެޓް ލިބުން އެކަށީގެންވާ ކަމަށާއި މާލީ ތަނަވަސްކަމެއް ނެތްނަމަ އެފަދަ ފަރާތްތަކަށް ގޮތެއް ހޯދަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ސިޓީ ކައުންސިލަށް ގާނޫނީ ބާރުއޮތްނަމަ ލޯނު ނެގުން ކަމަށާއި ޕެންޝަން ފަންޑަށް ބަދަލު ގެނެވޭނީ ގާނޫނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް އެ ފްލެޓްތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުން ފަދަ ނުނިމި ހުރި ފިނިޝިންގް މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ. މި މަސައްކަތަށް ބޮޑެތި ހަރަދުތަކެއް ދާއިރު އެ ފްލެޓްތަކުގެ ކުލި ދައްކަމުން އެވަރުގެ ބޮޑު ހަރަދުތަކެއް ކުރަންޖެހިފައި ވާތީ ފްލެޓް ލިބިފައިވާ އެތައް ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ.

ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓު އިއުލާންކޮށް ބައެއް ކެޓެގަރީތަކުން ފްލެޓްތަކުގެ ހައްގުވެރިންގެ މެދުގައި ގުރުއަތުވެސް ނަގައި ނިންމައިފައިވާއިރު ސަރުކާރުން ވަނީ ކުރިޔަށް އޮތް ޖޫން މަސް ތެރޭ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް ލަފާކޮށްފަ އެވެ.

މޭޔަރުކަމުގެ މަގާމާ ހަވާލުމަށް ފަހު ޑރ. މުއިއްޒު އަންނަނީ މާލޭގައި ބޮސުންލާފައިވާ ކަންކަން އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށްވެސް މުއިއްޒު ވަނީ ސަރުކާރަ ގޮވާލައްވާފަ އެވެ. އަދި މާލެގައި ދިރިއުޅޭ ރައްޔިތުންގެ ކަރަންޓާއި ފެނުގެ ބިލު ކުޑަކުރުމަށް ގޮވާލުމުން އެކަމަށް ސަރުކާރުން ވަނީ އިޒާބައެއް ދީފަ އެވެ. އެގޮތުން ރައީސް ސޯލިހު ވަނީ ފެން ބިލުނާއި ކަރަންޓް ބިލުން ޑިސްކައުންޓްދޭ ވަނީ ނިންމާފަ އެވެ.