އިސްލާމްދީނާ ހިލާފަށް ޤާނޫނު އަސާސީއަށް ނުވަތަ ގާނޫނެއްގެ ބަޔަކަށް ގެންނަ ކޮންމެ އިސްލާހަކީ ބާތިލު އިސްލާހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނަށް ކުޑައިމީސްކޮށް ގާނޫނަށް ނުވަތަ ގާނޫނެއްގެ ބަޔަކަށް ގެންނަ ކޮންމެ އިސްލާހެއް ވެސް ވާނީ ބާތިލު އެއްޗަކަށް ކަމަށެވެ.

ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދިހަވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމުގައި ސާފު ސަރީހަކޮށް ކަޅާއި ހުދުން ދެލިކޮށްފައިވަނިކޮށް، ސައްތައިން ސައްތަ އިސްލާމީ މި ދައުލަތުގެ ދީނަށް ކުޑައިމީސްކޮށް ގާނޫނެއްގެ މާއްދާއެއް ބަދަލެއް ނުކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް މިހެން ވިދާޅުވީ މިހާރު މަޖިލީހަށް ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށައަޅާފައިވާ އިސްލާހާ ގުޅިގެންނެވެ. ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމުގައި ގާނޫނުލް އުގޫބާތުގައި ކަނޑައަޅަން އެދިފަ އެވެ.

https://www.facebook.com/photo?fbid=10157967277971479&set=a.10150829166321479

މިކަމަށް އިޝާރާތްކުރައްވައި ޝިޔާމް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހާ ކުށްވެރިނުވެ، ފުރައްސާރަކުރާ މީހާއާ ދެކޮޅަށް ބަސްބުނާ މީހާ ގާނޫނަކުން ކުށްވެރިކުރުމަށް މަސައްކަތްކުރާ މީހުން އެކުރާކަމަކީ ދީނީ އެއްބައިވަންތަކަން ނަގައިލުން ކަމަށެވެ. އަދި އެ ކަމަކީ މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފައްދައި އިސްލާމްދީނަށް ފުރައްސާރަކުރުން ކަން ޔަގީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފަދަ ކަންކަމަކީ މި ފަސްގަނޑުގައި ޖާގަ ދެވިގެންވާނެ ކަންކަން ނޫން ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ. އަދި އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ގާނޫނުން އަދަބު ކަނޑައެޅި އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރުމަށް ގޮވައިލައްވާ ކަމަށްވެސް ޝިޔާމު ވިދާޅުވި އެވެ.

މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން މަޖިލީހަށް ސަރުކާރު ފަރާތުން ހުށައަޅާފައިވާ އިސްލާހާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އަމާޒުވެފައި އެވެ. ގިނަ ބަޔަކު ދަނީ މިއިސްލާހު އަބުރާ ނެގުމަށް ގޮވާލަމުންނެވެ.