މާލެ ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް ކަމަކާ ގުޅޭގޮތުން މައުލޫމާތަކަށް އެދި ހުށަހަޅާފައިނުވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން އެއްވެސް ކަމަކަށް އެދިގެން އަދި އެކޮޕަރޭޝަން އަށް ސިޓީއެއް ފޮނުވާފައިނުވާ ކަމަށެވެ. އަދި އެއްވެސް ކަމަކަށް އެދިގެން ކޯޕަރޭޝަނުން އެއްވެސް ކަމަކަށް އިންކާރުކޮށްފައިނުވާނެކަމަށްވެސް އެކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ސިޓީ ކައުންސިލުން ފޮނުވާފައިވާ ސިޓީއަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި މައުލޫމާތު ސާފު ކުރުމަށް ގުޅުވުން ވެސް އެކަމަށް އިޒާބައެއް ދީފައިނުވާ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މާލޭގައި ކޮންމެ ކަމެއް ކުރަން ނިންމި ނަމަވެސް އެކަމެއް ކުރުމުގެ ކުރިން ސިޓީ ކައުންސިލުން މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. އަދި މުއިއްޒު ވަނީ ސަރުކާރުގެ ކުންފުންޏަކުން ވިޔަސް ސަރުކަރު ހިއްސާވާ ކުންފުންޏަކުން ވިޔަސް، ސަރުކަރުގެ މިނިސްޓްރީއަކުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމުގައި ވިޔަސް، އެސިޓީއެއް ނިސްބަތްވާ ކައުންސިލާއި މަޝްވަރާ ކުރަން ޖެހޭނެ ކަަމަށް ޤާނޫނުގައި ބުނާކަން ފާހަގަކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލަށް އިންތިޚާބުވި ދުވަހުން ފެށިގެން މާލެ ސިޓީގައި ކުރިއަށް ގެންދަން އިއުލާން ކުރެވުނު ހައުސިން މަޝްރޫއުއަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ފަހިދިރިއުޅުން ކޯޕަރޭޝަންގައި އެދުނު ކަމަށެވެ.

މޭޔަރު މިހެން ވިދާޅުވީ މާލޭގެ ހަތަރު ސަރަހައްދެއްގައި ފްލެޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނިންމާފައިވަނިކޮށް ނެވެ.

މޭޔަރު ދެއްކި ވާހަކަތަކާއި ގުޅިގެން ފަހި ކޯޕަރޭޝަނުން ބުނެފައިވަނީ މޭޔަރު މުއިއްޒު ދައްކާފައިވަނީ ހަގީގަތާއި ހިލާފު ވަހަކަތަކެއް ކަމަށެވެ.

އެ ކޯޕަރޭޝަނުން އެކިއެކި ކަންކަމުގައި ފުރުސަތު ދީފައި ނުވާ ކަމަށާއި، އެއްބާރުލުންދީފައިނުވާކަމަށް ވިދާޅުވުމަކީ ކަން ހިނގާދިޔަގޮތާއި ހިލާފު ވާހަކަތަކެއް ކަމަށަ އެކޯޕަރޭޝަން އިން ވަނީ ބުނެފަ އެވެ.