އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް ހޮވިވަޑައިގަތް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާގެ ބޭފުޅެއް އަދި އެމަނިކުފާނުގެ ހާއްސަ މަންދޫބަކަށް ތިލްމީޒާ ހުސެއިން ހަމަޖައްސަވައިފި އެވެ.

ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެބޭފުޅާގެ ޗީފް އޮފް ސްޓާފް ކަމަށް އިންޑިއާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި އާންމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ތިލްމީޒާ ހަސަން އައްޔަން ކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވެފައިވެ އެވެ. އަދި މިދެ ބޭފުޅުންނާއެކު ރައީސްގެ ގޮތުގައި ޝާހިދު ދެކެ ވަޑައިގަންނަވާ ވިޝަން ފުރިހަމަ ކުރުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާންމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން މިނިސްޓަރު ޝާހިދު ވަނީ އެމަނިކުފާނުގެ މި ޓީމަކީ ވެސް މިންތީގެ ގޮތުން ހަމަހަމަ، އެކި ނަސްލުތަކާއި އެކި ޤައުމުތަކުގެ މެމްބަރުން ހިމެނޭ ޓީމަކަށް ވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެ މަނިކުފާނުގެ ދައުރުގައި ފަސް ކަމަކަށް އިސްކަންދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ކޮވިޑުން ދުނިޔެ އަރައިގަނެ، ހަމަހަމައަށް ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމަށް އަންނަ ބަދަލު ކުޑަކުރަން ކުރާ މަސައްކަތް އިތުރުކުރުމާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތް އާ އުސްމިންތަކަކަށް ގެންދިއުން ހިމެނެ އެވެ.

މީގެ އިތުރުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި ނަސްލީ ތަފާތުކުރުން ނައްތާލުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވަނީ މިހާރު ހިނގަމުންދާ އދ.ގެ އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރް އާ އިއްޔެ އދ.ގެ މައި މަރުކަޒުގައި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި، އިންތިޚާބުގައި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި އަދި ކުރިއަށް ހުރި މަސައްކަތްތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ބޮޒްކިރްގެ ތަޖުރިބާ ހިއްސާކުރެއްވި ކަމަށްޓަކައި މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އަދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސަކަށް ޝާހިދު ހޮވި ވަޑައިގަތީ 143 ގައުމުގެ ވޯޓާއެކު އެވެ. އިދިކޮޅަށް ވޯޓް ދިނީ 48 ގައުމަކުންނެވެ.

ޝާހިދު ރައީސް ކަމަށް ހޮވި ވަޑައިގަތީ އިންޑިއާއިން ކެންޕެއިންކޮށްގެން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ. މިކަމާ ގުޅިގެން މިނިސްޓަރު ޝާހިދަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.