ވަޒީރަކު ސަސްޕެންޑުކުރުމަކީ ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ފައިސާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ލިބުނުކަން ތަހްގީގަށް ސާބިތުވުމުން އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވުމާއިއެކު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑް ކޮށްފައިވާތީ އެކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ ވަޒީރަކު ވަކިނުކޮށް ޤާނޫނު އަސާސީ އިން ވަޒީރަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުކުރުކުރުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް ކަމަށެވެ. އަދި ވަޒީރަކު ސަސްޕެންޑުކުރުމަކީ ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ވަޒީރުންނާއި ގުޅޭ ކަންކަން ބަޔާންކޮށްފައި ވަނީ ގާނޫނު އަސާސީގެ ފަސްވަނަ ބާބުގަ އެވެ. ގާނޫނު އަސާސީގެ 129 ވަނަ މާއްދާ އިން ފެށިގެން 140 ވަނަ މާއްދާ އާއި ހަމައަށް ވަޒީރުންނާއި ގުޅޭ އެކިއެކި ކަންކަން ބަޔާންކޮށްފައި ވެ އެވެ. ނަމަވެސް އެއިން އެއްވެސް މާއްދާއެއްގައި ވަޒީރަކު މަގާމުން ސަސްޕެންޑް ކުރުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ބެހެއްޓިދާނެ ކަމަށް ބުނެފައެއް ނެތެވެ.
މީގެ ކުރިން ވެސް ޔޫތު މިނިސްޓަރު މަހްލޫފު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލާގައި އެކަހެރިކޮށްފަ އެވެ.
މަހްލޫފު މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުއްވާފައިވާއިރު އޭސީސީއިން ބުނެފައި ވަނީ އެ ކޮމިޝަނުގެ ތަހުގީގަށް މަހުލޫފު ބަޔާން ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ބުނެ ދޮގު މައުލޫމާތުދީފައިވާ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ލިސްޓްގައި މިސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭކަން ވަނީ ފާހަގަ ކުރެއްވިފަ އެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން މަހްލޫފު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އަދިވެސް އިސްތިއުފާ ނުދެއްވަ އެވެ.
މަހުލޫފްގެ މައްޗަށް ދައުވާ އުފުލަން ފޮނުވުމުން ގިނަ ބަޔަކު އަންނަނީ އޭނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.