ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރު ހިންގުމުގައި ބައިވެރިވާ ޖެހޭ ބައެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށް ސަރުކާރު ހިންގަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން އެކަމާ ރައްދު ދެއްވާ އަލީ ހުސައިން ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވަން އޮންނަ މަޖިލީހުގެ މެންބަރުން ސަރުކާރު ހިންގުމުގައި ބައިވެރިނުކޮށް ޝަކުވާ ކުރުމަކީ ދެރަވަރު ކަމެއް ކަމަށެވެ. ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިކޮށް ބައްސައި ހަދަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މަސައްކަތް ދެބައިވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެ ޕާޓީ އެކަހެރި ކުރުމަށް ފަހު ސަރުކާރު ހިންގަން އުޅުމުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް މި ފަހުން އެންމެ ބޮޑުވެފައި ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ކުރަން އުޅުމުން އެކަމާ ދެކޮޅަށް މަޖިލީހަށް ސިޓީ ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު އަޅަން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ވެސް ދެކޮޅު ހެދުމުންނެވެ.

އެމްީޕީގެ އެތެރޭގެ މަޝްރަހު ހޫނުވެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ނުތަވަސްކަން އުފެދިފައިވާއިރު، ރައީސް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ފާޅުގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.