ޝަޚްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖެ އެތެރެވާން މަސައްކަތްކުރީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި، އެ މީހާގެ ޕާސްޕޯޓުގެ ބައެއް މައުލޫމާތު ނަކަލު ކޮށްފައިވާ ކަމަށެވެ. އެ މީހާ ރާއްޖެއަށް ގަވާއިދާ ޚިލާފަށް ވަންނަން މަސައްކަތްކޮށްފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު ކަމަށާއި އެ ދުވަހު އޭނާ ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައިކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ވަގު ޕާސްޕޯޓެއްގައި ރާއްޖެއަށް އެތެރެވެފައި ވަނީ ސީދާ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އިމިގްރޭޝަނުން ނުބުނެ އެވެ.
ޝަހުސު އޮޅުވާލައިގެން އެ މީހާ ރާއްޖެ އެތެރެވާން މަސައްކަތްކުރިއިރު ވަގު ޕާސްޕޯޓާއެކު ރާއްޖެ އެތެރެވާން އުޅުނު ދެ މީހަކު މިއަހަރު ވަނީ ހިފަހައްޓާފަ އެވެ. އެއީ އުމުރުން 36 އަހަރުގެ ފިރިހެނަކާއި އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.
މިގޮތަށް ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 8 މީހަކު މިދިޔަ އަހަރު ވެސް އިމިގްރޭޝަނުން ވަނީ ހިފަހައްޓައިފަ އެވެ. އެ މީހުން ހިފެހެއްޓުމަށް ފަހު އިމިގްރޭޝަނުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.