ރާއްޖޭގެ އެއާޕޯޓްތައް ހިންގުމުގެ ހުއްދަ 100 ޕަސެންޓް ބޭރުގެ ފަރާތްތަކުގެ މައްޗަށް ދޫކޮށްލުމަށް މިސަރުކާރުން ނިންމާފައިވާ ނިންމުމަކީ ހީލަތްތެރި ނިންމުމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ގެނައި އިސްލާހާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ އެއާޕޯޓުތައް ބޭރުގެ ކުންފުނިތަކަށް ދެނީ ހީލަތްތެރިކަމުން ކަމަށެވެ. އަދި އެ ނިންމުމުގެ ބޭނުމަކީ ދިވެހި ބިމާއި ދިވެހިންގެ ވިޔަފާރިތައް ދިވެހިންގެ އަތުން ފޭރިގަތުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމުގައި ހުންނަ ކޮންމެ ދުވަހަކީ ރާއްޖެގެ ރައްޔިތުންނަށް ނުރައްކާތެރި ދުވަސްތަކެއް ކަމަށާއި ރައީސް ސޯލިހަކީ ބޭރުގެ އެޖެންޓެއްކަން ކަށަވަރުވެއްޖެ ކަމަށެވެ.

ފޮރިން އިންވެސްޓްމަންޓް ޕޮލިސީއަށް ގެނެސްފައިވާ އިސްލާހަކީ 100 ޕަސެންޓް ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ. އިއްޔެއިން ފެށިގެން އެ އިސްލާހަށް އަމަލުކުރެވޭނެ އެވެ.

މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން ފްރައިޓުކުރުމުގެ ޚިދުމަތް ނުހިމެނޭ ގޮތަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް 100 ޕަސެންޓް ބޭރުގެ ފަރާތެއްގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި ހިންގޭނެ އެވެ. އަދި އެއާޕޯޓު ހިންގުމާއި ޓާމިނަލް ހިމެނޭހެން އެއާޕޯޓް އޮޕަރޭޓްކުރުމާއި، އެއާ ޓްރެފިކް ކޮންޓްރޯލުކުރުމާއި ގްރައުންޑް ސާވިސް ޚިދުމަތްތައް ދިނުމުގެ ހުއްދަ ވެސް ބޭރުގެ ފަރާތްތަކުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް މި އިސްލާހުގެ ދަށުން ލިބިގެންދާނެ އެވެ.

މިފަދަ އިންވެސްޓްމަންޓަށް މަދުވެގެން ފަސް އަހަރުގެ މުއްދަތަކަށް އިންވެސްޓްކުރަން ޖެހެނީ ފަސް މިލިއަން ޑޮލަރެވެ. އަދި އެ އަދަދަށް އިންވެސްޓްކުރުމުން މަދުވެގެން 50 އަހަރަށް ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެފަދަ ކުންފުނިތަކަށް ލިބޭނެ އެވެ.