ކޮވިޑް -19ގެ ހާލަތު ގޯސްވުމުން ސަރުކާރުން މާލެ ސަރަހައްދު "ފުރަބަންދު" ގެ ހާލަތުގައި އޮތްވައި، މާލެ ސަރަހައްދުގައި ވައްކަން އާދަޔާ ޚިލާފަށް ގިނަވާން ފަށައިފި އެވެ.

މާލޭގެ ފަޅުގައި އަޅާފައިވާ ލޯންޗްތަކުންނާއި ފިހާރަތަކުން ވައްކަންކުރާ މިންވަރު ވޭތު ވެދިޔަ މަސް ދުވަހު ތެރޭގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ސަލާމަތީ ބާރުތަކުން މާލޭގެ މަގުތަކުގައި ކާފިއު ހިންގާފައިވާ ވަގުތުތަކުގައި ފޯރިމަރަމުން އަންނައިރު ވެސް ވައްކަން ކުރާ މިންވަރަކަށް ބަދަލު އަންނަތަނެއް ނުފެނެ އެވެ. މީހުންގެ އަގު ބޮޑެތި މުދާތައް ވަގަށް ނަގާއިރު އެކަމާމެދުގައި ފިޔަވަޅުތަކެއް ނާޅާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެކަމާމެދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން މީހަކު ބުނެފައި ވަނީ ވައްކަން ކުރާ މީހުން ހިފަހައްޓައިގެން ޖޫރިމާނާ ވެސް ނުކުރެވޭ ކަމަށާއި އެ މީހުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިވާތަން ނުފެންނަ ކަމަށެވެ. މިކަމުގައި ފުލުހުން ބައިވެރިވާކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ކޮވިޑް ހާލަތު ގޯސްވުމުގެ ސަބަބުން މިސްކިތަކުގައި ނަމާދުކުރުން މަނާކޮށްފައިވާއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މިސްކިތުގައި މަސްތުވާތަކެތި ފޮރުވާ މައްސަލަ ވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ. އަދި މިސްކިތުގައި ބަޔަކު ނިދާ މައްސަލަ ވެސް ސޯސަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ އެމައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ޖެހެންދެއް އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެ އެވެ. މީގެ އިތުރުން މިސްކިތުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާއިރު މިސްކިތްތައް ރަނގަޅަށް ނުބެލެހެއްޓޭތީ ގިނަ ބަޔަކު ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.

ކޮވިޑް ހާލަތާއި ގުޅިގެން މަގުމަތީގައި ސަލާޖަހަން އުޅޭ މީހުން އިތުރުވެގެން ގޮސްފައިރު ސަރުކާރު އެކަމާ މެދުގައި ފިޔަވަޅުތަކެއް އަޅާފައިނުވާތީ ގިނަ ބަޔަކު ދަނީ އެކަމާ ވެސް ޝަކުވާ ކުރަމުންނެވެ. އަދި ވައްކަމުގެ މައްސަލަތަކަށް ހައްލެއް ނުލިބެނީ "ބޮޑުގެއިން" ވައްކަން ނުކުރާތީތޯ ރައްޔިތުންދަނީ ސުވާލު ކުރަމުންނެވެ.

ހަަމައެކަނި ބޮޑުންނަށް ލިބޭ ގެއްލުމަކުން އެ މީހުންނަށް ސެކިއުރިޓީ ދީ، އެ މީހުންނަށް މައްސަލަތައް ބާރު ސްޕީޑުގައި ބަލަމުން އަންނައިރު، އާދައިގެ ރައްޔިތުންގެ އަގުބޮޑެތި މުދާތައް ނުބެލެހެއްޓެނީ ކީވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.