ރާއްޖޭގެ ހަރުކަށި ވިސްނުމުގެ ފިކުރަށް ހިމާޔަތް ދިނީ ސީދާ އެމްޑީޕީން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ނަފުރަތު އުފެއްދުން ކުށަކަށް ހެދުން ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން މިއަދު މަޖިލީހުގެ ކުރިއަށްދިޔަ ބަހުސްގައި ވަނީ ރ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ޑރ. ޝަހީމް އާއި ހަރުކަށި ފިކުރާއި ގުޅުވައިގެން ވާހަކަ ދައްކަވާފަ އެވެ. މީގެ ކުރިން ވެސް މަޖިލީހުގައި އެމްޑީޕީ މެމްބަރުން ދަނީ ޝަހީމް ބޮލުގައި މިފަދަ ތުހުމަތުތައް އަޅުވަމުންނެވެ. އަދި އެމްޑީޕީގެ ސިޔާސީ ޕްރޮޕެގެންޑާ ފަތުރާ އަދި ދޮގު ހަބަރާއި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ތަފާތު ހަބަރު ފަތުރާފައިވާ ރާއްޖެ ޓީވީގައި ވެސް އެމްޑީޕީ މެމްބަރުން ދިޔައީ ދީނީ އިލުމުވެރިންނާއި ޝަހީމް ފަދަ ބޭފުޅުން ބޮލުގައި ހަރުކަށި ފިކުރުގެ ތުހުމަތުތައް އަޅުވަމުންނެވެ.

މިކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރާއްޖޭގެ ހަރުކަށި ވިސްނުމުގެ ފިކުރަށް ހިމާޔަތް ދިނީ ސީދާ އެމްޑީޕީން ކަމަށެވެ.

"ވަކިން ހެދި ޖަމާއަތްތަކަށް ހައްގު ދޭން ޖެހޭނެ ކަމަށް ބުނެ އެކަން ހުއްޓުވަން ހުރަސް އެޅި،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާޢަތް ހަދައިގެން ހުކުރު ނަމާދު ކުރަމުން ދިޔަ ފަރާތްތައް ހުއްޓުވަން އޭރުގެ ސަރުކާރުން ފުލުހުން ފޮނުވުމުން، ފުލުހުންނަށް ހުރަސް އަޅަން އެމްޑީޕީގެ އިސް ފަރާތްތައް އެތަނަށް ދިޔަ އެވެ. އަދި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމަކީ ހަރުކަށި ކަމެއް ނޫން ކަމަށް ވެސް އޭރު އެމްޑީޕީން ބުނެފައިވާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޝަހީމް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަނީ އެމްޑީޕީން ކަމަށާއި އެމްޑީޕީ މެމްބަރުން އެކަން ހުއްޓުވީމާ އެކަން ނިމިގެންދާނެ ކަމަށެވެ.

މަޖިލީހުގައި މެމްބަރުން ޒާތީ ގޮތުން ވަކި ބަޔަކަށް ޖައްސާލައިގެން ވާހަކަ ދައްކާއިރު އެއީ ނަފްރަތަކަން ނުވާތީ ހިތާމަކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި ވަކި މީހަކާ ދިމާލަށް ލާދީނީއޭ ބުނެފައި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާންމު ތަނެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފަ އެވެ.

އެ އިސްލާހު ދިރާސާ ކުރުމަށް މިހާރު ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެ އެވެ