މިސަރުކާރުން ގުޅިފަޅުގައި ޕޯޓް އަޅަން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް، ގުޅިފަޅުގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ސިޓީ ކައުންސިލުން އެދިފައިވާ ޕްލޭނާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިތާ ތިން ހަފްތާ ވީއިރު ވެސް މަޝްވަރާތައް ފެށިފައި ނުވާތީ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސިޓީ ކައުންސިލުން އެދިފައިވާ ގޮތައް ގުޅިފަޅުގައި ވިޔަފާރީގެ ބަނދަރު ހެދުމުގެ ބަދަލުގައި ގުޅިފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ޕްލޭނާ ގުޅޭ ގޮތުން ސިޓީ ކައުންސިލާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވީ މުއިއްޒު އާއެކު މެއި މަހުގެ 27 ވަނަ ދުވަހު ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށް ތިން ހަފްތާ ވެފައިވާއިރު އެކަމަށް ރައީސް ސޯލިހުގެ ފަރާތުން އެއްބާރުލުން ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ރައްޔިތުން އެދޭ ގޮތަށް ގެދޮރުގެ މަންޒިލަކަށް ގުޅިފަޅު ހެދުމަށް ރައްޔިތުން އެދޭ ގޮތަށް ގުޅިފަޅުގެ ޕްލޭން ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފައްޓަވާނެ ކަމަށް ރައީސް ވިދާޅު ވިތާ ތިން ހަފުތާ ވެފައިވާއިރު، އެކަން އަދިވެސް ނުފެށޭ ކަމަށެވެ. މަޝްވަރާތައް ނުފެށޭތީ އެކަމާއި ހިތާމަކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ކުރީގެ ރައިސް ޔާމީންގެ ދައުރުގެ ފަހުކޮޅުގައި ގުޅިފަޅުގައި ބޯހިޔާވަހި ކަމުގެ އިތުރު މަޝްރޫއު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން ވަނީ އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު ގުޅީފަޅުގައި ވިޔަފާރި ބަދަރެއް ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އޭގެ އިތުރުން މާލޭގެ ނޯތު ހާބަރު ވެސް ގުޅިފަޅަށް ބަދަލުކުރުމަށް ނިންމައި އެކަމުގެ ޕްލޭނުތައް މިހާރު ވަނީ ޕްލޭނިން މިނިސްޓްރީން އާންމުކޮށްފަ އެވެ.

މާލޭގެ މޭޔަރު ކަމުގެ ހުއްވާކުރެއްވުމަށް ފަހު ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ގެންދަވަނީ ގުޅިފަޅު ބޯހިޔާވަހި ކަމަށް ހާއްސަ ރަށަކަށް ހަދައިދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.

ގުޅިފަޅުގައި ޕޯޓް އެޅުމަށް މި ސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަ ތަނަކަށް ހަދަން ކުރާ މަސައްކަތަށް އަލި މަގެއް ނުފެނިއްޖެނަމަ ކޯޓަށް ދާން ވެސް މާލެ ސިޓީ ކައުންސިލުން ފަހުން ވަނީ ނިންމާފަ އެވެ.