އެމްބިއުލަންސްގެ ހިދުމަތް ދިނުމަށް ވަކި ހާއްސަ މިނިވަން މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ކޮވިޑް ބަލީގައި ފަރުވާދެމުން ދަނިކޮށް މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މަރުވި މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ އެމްބިއުލަންސް ހިދުމަތް ދިނުމަށް ވަކި މުއައްސަސާއެއް އޮންނަ ޖެހޭ ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެމްބިއުލަންސް ހިދުމަތް ދިނުމަށްޓަކައި ވަކި މުއައްސަސާއެއް އުފެއްދުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއެކު މަޝްވާރާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަސްލު ހަގީގަތުގައި އެމްބިއުލަންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އެބަ އުފެދެންޖެހޭ. ހެލްތު މިނިސްޓްރީއަކުން އެކަމެއް ނުކުރެވޭނެ. އެ މުއައްސަސާ އުފެއްދުމަށް ވެސް އަޅުގަނޑު މިހާރު މި ދަނީ މަސައްކަތް ކުރަމުން،" ނަސީމް ވިދާޅުވި އެވެ.

މިޝްކާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރުމަށްފަހު ބުނެފައި ވަނީ އޭނާ ހާލުބޮޑުވެގެން ބެލެނިވެރިން އެހީއަށް އެދެމުންދިޔައިރު ވެސް މިޝްކާއަށް އެޓެންޑުވުމަށް ހުރިހާ މަރުހަލާއެއްގައި ވެސް ލަސްތަކެއް ހުރި ކަމަށެވެ.

މިމައްސަލައާ ގުޅިގެން އެމްބިއުލާންސް ހިދުމަތް ހޯދުމަށް ވަކި ނަންބަރެއްވެސް ވަނީ ތައާރަފް ކޮށްފަ އެވެ. އެ ހިދުމަތް ހޯދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 100 އެވެ.