ގައުމުގެ ސުލްހަ މަސަލަސްކަމާއި ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓޭނީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ދަމަހައްޓައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝަރީފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.

ޝަރީފްގެ ޓުވީޓްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ ނަމަ ގާނޫނުގެ ވެރިކަން ހިންގުމުގެ މާނައެއް ނެތް ކަމަށެވެ. އަދި "ޖަޒުބާތު" ގައި ޖެހި ރައްޔިތުންގެ ހައްގު ފުށްފުށަށް ޖެހެން ވެއްޖެނަމަ ގާނޫނުގެ ވެރިކަން ހިންގުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރޭ ކްލަބް ހައުސިންގައި "އެމްޑީޕީ ހަރުގެ ކްލަބް ހައުސް" ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގިނަ ބަޔަކު ހައްޔަރު ކުރުމަށް ގޮވާލައްވާފަ އެވެ.

މެމްބަރު ޝަރީފާއި ކުރީގެ ރައީސް ނަޝީދު މަޖިލީހުގައިވެސް ދޭތެރެއިން ބަހުގެ ހަމަލާތަކެއްދޭކަން ފާހަގަ ކޮށްލެވެ އެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދަށް ދިން ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ސަޕޯޓަރުންނާ "ކްލަބް ހައުސް" މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ރާއްޖޭގައި ނިރުބަރި ހަރަކާތްތައް އިތުރުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.