އިންޑިއާ ދެކޮޅަށް ސޯޝަލް މީޑިއާ އަދި ދިވެހި ނޫސްތަކުގައި ލިޔާ ލިޔުންތައް ހުއްޓާލުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާ މިނުގައި ދިވެހިންނަށް ދިނުމަށް ފެށުނީއްސުރެއް ވަކާލާތު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާ އާއި ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭ ގޮތުން އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށްވެސް އެމަނިކުފާނި ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މިޓުވީޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނު ވަކާލާތު ކުރައްވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަކި ގައުމަކަށްވީމާއި ނެތިގެން ދިޔައީ ތޯ ސުވާލު ކުރައްވަމުންނެވެ. އަދި ވަކި ހަމަޔަކުން ވާހަކަތައް ލިޔަން ޖެހޭނީ އިންޑިއާގެ ޑިޕްލޮމެޓުންނާއި ގުޅޭ ގޮތުންތޯވެސް ޓްވީޓާގައި މީހަކު ވަނީ ސުވާލު ކޮށްފަ އެވެ.

ރައީސް ނަޝީދު ޗައިނާގެ ސަފީރާ ދިމާލަށް ދެއިރު ދެދަޅަޔަށް އަންބާ ކިޔުމަކީ އެންމެ ރަގަޅު ކަމެއްތޯ ވެސް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެދިފަ އެވެ.

އެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ސަމާލުކަމަށް އައުމުން އެކޮމެޓީން ވަނީ މިހާރު އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފަ އެވެ.

އިންޑިއާގެ މަޝްހޫރު ނޫސްތައް ކަމަށްވާ "ދަ ހިންދޫ" އާއި "އޭއެންއައި" އިން ވަނީ އިންޑިއާ ހައިކޮމިޝަނުން އުފުލާފައިވާ ޝަކުވާތަކާއި ގުޅިގެން މީޑިއާ ކައުންސިލުން އެކަން ބަލަމުންދާ ކަމަށް ރިޕޯޓް ކޮށްފަ އެވެ.

އިންޑިއާގެ ޑިޕްލޮމެޓުންގެ ކަރާމާތައް ދިވެހިން އަރައިގަންނަ މައްސަލަ ފުލުހުން ބަލަން ވެސް ފަށައިފިކަމަށް ރައްޔިތުން މަޖިލީހުގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ރޭ ވަނީ ވިދާޅުވެފަ އެވެ.