ރާއްޖޭގެ ކޮވިޑް -19ގެ ހާލަތު ގޯސްވެ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސްތަކެއް ވަންދެން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށްފަހު، އަލުން ތަޅުމުގައި ޖަލްސާތައް ފަށައިފި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ މަޖިލީހުގެ ޖަލްސާތައް އޮންލައިން ކޮށް ކުރިއަށް ގެންދަން ނިންމީ މިދިޔަ މެއި މަހުގެ 24 ގަ އެވެ. މިިދުވަސްތަކުގައި މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވުނު މަސައްކަތަކީ ފާޑުކިޔުން ބޮޑުވެ މައްސަލަ ބޮޑުވެފައިވާ ނަފްރަތުގެ ބިލެވެ. އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތުކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި މި ބިލާމެދު އާއްމުންގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މީގެ އިތުރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަން ހުށަހެޅި ބިލްގެ މަސައްކަތް ވެސް އޮންލައިންކޮށް ކުރިއަށް ގެންގޮސްފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ކުރިއަށްގެންދަން މިއަދު ފަށާފައި މި ވަނީ ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުންނެވެ.