ކުރީގެ ރައީސް އަބުދުﷲ ޔާމީން ތާއީދު ކުރައްވާނީ ރައްޔިތުންގެ ނިންމެވުމަށް ކަމަށާއި އެއީ ރިޔާސީ ނިޒާމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ގެ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީން ވެސް އަދި ރައީސް ޔާމީނާއި އިދިކޮޅު ޕީޕީއެމުން ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާނެ ކަމަށާއި 2023ގެ އިންތިޚާބުގައި ރައީސް ޔާމީނަށް ވެސް ވާދަ ކުރެއްވެން ވާނެ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން މި މަގުން ކަންތައްތައް ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުންވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ތާއީދު ކުރައްވާނީ ރައްޔިތުންގެ ނިންމެވުމަށް ކަމަށާއި ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ނިންމައިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އަބަދުވެސް ނިޒާމް ބަދަލުކުރާ ވަހަކަ ދައްކަވަ އެވެ. އަދި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވެސް ފާހަގަ ކޮށްލެވެ އެވެ. މިކަމުގެ ސަބަބުން އެމްޑީޕީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވެ ޕާޓީ ވަނީ ދެކަފިވެފަ އެވެ.

ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށާއި އަދި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.